އާކައިވްމީހުން

އަހުމަދު ޒަކީ

August 01, 2022

Share this story

ލިޔުނީ

އަށްޑުވަސް,

އަހްމަދު ޒަކީ

އަހުމަދު ޒަކީ (ސާހިބުއްސައާދާ އަހުމަދު ޒަކީ) އަކީ ރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގައި މުހިންމު ދައުރެއް އަދާކުރެއްވި ސްޓޭޓްސްމަނެކެވެ. މިގޮތުން 1972ން 1975 އަށް އަހުމަދު ޒަކީ ރާއްޖޭގެ ބޮޑުވަޒީރު ކަމުގެ މަގާމު އަދާކުރެއްވިއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން 3 އޮކްޓޯބަރު 1959 ން 1 އޮގަސްޓް 1972 އަށް އަދި 22 ފެބްރުއަރީ 1990 ން 11 ނޮވެމްބަރު 1993 އަށްއަދާކުރެއްވިއެވެ. އަދި ރާއްޖޭގެ އދގެ ދާއިމީ މަންދޫބުކަމާއި އެކި ވުޒާރާތަކުގެ ވަޒީރުކަން، ރައީސް ނާސިރުގެ ދައުރުގައާއި ރައީސް މައުމޫނުގެ ދައުރުގައި އަދާކުރެއްވިއެވެ. solexsolex

އަހުމަދު ޒަކީ އުފަންވެ ވަޑައިގަތީ 16 އެޕްރީލް 1931 ގައެވެ. އަވަހާރަވީ 15 ނޮވެމްބަރު 1996 ގައެވެ.

ބޮޑުވަޒީރުކަން

1972 ގައި ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހުގެދަށުން ރައްޔިތުންގެ މަޖިލީހުން ބޮޑުވަޒީރަކު އިންތިޚާބުކުރާގޮތަށް ކަނޑައެޅުނެވެ. އަދި އިންތިޚާބީ ބޮޑުވަޒީރެއްކަމުގައި އަހުމަދު ޒަކީ އިންތިޚާބުކުރެވުނެވެ. އެހެންނަމަވެސް މާގިނަ ދުވަހަކު ޒަކީއަކަށް ބޮޑުވަޒީރުކަމުގައި ހުންނެވޭގޮތެއް ނުވިއެވެ. 1975 ގައި ޒަކީ ބޮޑުވަޒީރުކަމުން ވަކިކޮށް، ދޫނިދޫގައި ބަންދުކުރެވުނެވެ. އެއަށްފަހު ފުވައްމުލަކަށް އަރުވާލެވުނެވެ. ބުނެވޭގޮތުގައި ޒަކީ މަގާމުން ވަކިކޮށް އަރުވާލެއްވުނީ ރައްޔިތުންގެ މެދުގައި، ޚާއްސަކޮށް، މާލޭގެ ބޭފުޅުންގެ މެދުގައި މަގުބޫލުކަން ބޮޑުވެ، ނާސިރުގެ ވެރިކަމަށް ގޮންޖެހުމަކަށް ވާކަމަށް ނާސިރުގެ އަރިސް ބޭފުޅުންނަށް ފެނިގެންނެވެ. ނާސިރުގެ ސިޔާސަތުގެ ފަހު ދުވަސްކޮޅު، ސެޕްޓެމްބަރު 1978ގައި ރައީސްގެ އަފޫއާންމެއްގެ ދަށުން، ޒަކީ މިނިވަންކުރެވުނެވެ.

އދގެ ދާއިމީ މަންދޫބުކަން

1978 ނޮވެމްބަރު 11 ގައި ރައީސް މައުމޫނު ރައީސްކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ރާއްޖޭގެ އދގެ ދާއިމީ މަންދޫބަކު ކަމުގައި ޒަކީ އައްޔަންކުރެއްވިއެވެ. މިއަށްފަހު 1994ން 1995އަށްވެސް ޒަކީ އަލުން މި މަގާމު އަދާކުރެއްވިއެވެ.

އަދާކުރެއްވި މަގާމުތައް

1953-1956: ވަޔަރލަސް ޓެލެގްރާފް އޮފިސަރ

1956-1959: ސިލޯނުގައި ހުންނަވާ ރާއްޖޭގެ ސަފީރު

1959-1960: ވަޒީރުލް އައުގާފު (މިނިސްޓްރީ އޮފް ޕަބްލިކް އެންޑޯމަންޓް) ވަޒީރުއްތިޖާރާ ވައްތަންވީން (މިނިސްޓްރީ އޮފް ފުޑް އެންޑް ޓްރޭޑް)

1959-1972: ރައްޔިތުންގެ މަޖިލީހުގެ ރައީސް

1968-1968: ވަޒީރުއްތިޖާރާ ވައްތަންވީން (މިނިސްޓްރީ އޮފް ފުޑް އެންޑް ޓްރޭޑް)

1968-1975: ވަޒީރުލް ޚާރިޖިއްޔާ (މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއަރޒް)

1972-1975: ބޮޑުވަޒީރު

1979-1983: ރާއްޖޭގެ އދގެ ދާއިމީ މަންދޫބު

1983-1990: އެޓާނީ ޖެނެރަލް

1990-1993: ރައްޔިތުންގެ މަޖިލީހުގެ ރައީސް

1993-1996: ރާއްޖޭގެ އދގެ ދާއިމީ މަންދޫބު

އާއިލާ

އަހުމަދު ޒަކީއަކީ ރާއްޖޭގެ ފަހުގެ ވެރިކަމުގައި މުހިމު ދައުރެއް އަދާކުރި ވެލާނާގެއާއި ފާމުދޭރިގެއަށް ނިސްބަތްވާ ބޭފުޅެކެވެ. ޒަކީގެ ބައްޕާފުޅަކީ ފާމުދޭރިގޭ އިބްރާހިމް ޒަކީއެވެ. މަންމާފުޅަކީ ވެލާނާގޭ ރައީސް ނާސިރުގެ ދައްތާފުޅެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ހުސައިން ޒަކީ އަކީ ޒަކީގެ ބޭބޭފުޅު ހުސައިން ޒަކީގެ ބޭފުޅެކެވެ.

ޒަކީ ދެ ބޭފުޅަކާ ކައިވެނި ބައްލަވައިގަތެވެ.

އެއް އަނބިކަނބަލުންނަކީ، އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަނބަލުން، އައްނަބީލާ އަނީސާ ނޫރައްދީން އެވެ. އެ ކައިވެނިން ލިބިވަޑައިގަތް ބޭފުޅަކީ އާމިރު ޒަކީއެވެ.

ޒަކީ ކައިވެނި ބައްލަވައިގަތް ދެވަނަ ބޭފުޅަކީ، މާންދޫގޭ ފާތުމަތު އިބްރާހިމް ދީދީ (މާންދޫގޭ ފާތުމަތު ތުއްތުގޮމާ) އާއިއެވެ. ތުއްތުގޮމާއަކީ، ރާއްޖޭގެ ރަސްކަންކުރެއްވި، އައްސުލްތާން މުހައްމަދު އިމާދުއްދީންގެ 6 (ހާޖީ އިމާދުއްދީން)ގެ ކާފަދަރިކަނބަލެކެވެ. އެ ރަދުންގެ (މިސުރުގެ ޝަރީފާ ހާނިމްއާއި ކާވެނިބައްލަވައިގެން ލިބިވަޑައިގަތް) ދަރިކަނބަލުން އައްނަބީލާ ގުލިސްތާން އިމާދުއްދީން، އެއްގަމުގޭ އަލްއަމީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ކައިވެނި ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅަކީ މާންދޫގޭ ފާތުމަތު ތުއްތުގޮމާއެވެ. 1953ގައި ތުއްތުގޮމާއަށް ރާއްޖޭގެ ރަނިކަމަނާއަށްވުމުގެ ދައުވަތު އެރުވުނެވެ. އެހެނަސް އެކަމަނާ އެމަގާމު ގަބޫލު ނުކުރެއެވީއެވެ. 1 ޖެނުއަރީ 1953 ގައި ގާއިމުކުރެވުނު ފުރަތަމަ ޖުމްހޫރިއްޔާގައި ސެނެޓުގެ ރައީސްކަން ކުރެއްވީ ތުއްތުގޮމާއެވެ.

އެ ކާވެނިން ލިބިވަޑައިގަތް ބޭފުޅަކީ، އިސްމާއިލް ޝަފީއު (ކުރީގެ މިނިސްޓަރު އިސްމާއިލް ޝަފީއު)އެވެ.