ޚަބަރުރާއްޖެ

ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

September 02, 2024

Share this story

މި ސަރުކާރުގެ އިޤްތިޞާދީ ރިފޯމް އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އެއްގޮތް މަސައްކަތްތަކެއްކުރާ ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ނިންމެވުން ނިންމަވާފައިވާކަން ހާމަކުރެއްވީ އިއްޔެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށްފަހު އެ މަޖިލީހުން ނިންމެވިކަންކަން ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.solexsolex

އެގޮތުން އެމް.އޭ.ސީ.އެލް. އާއި އާރް.އޭ.ސީ.އެލް. އެއްކޮށްލެއްވުމަށް ވަނީ ނިންމަވާފައެވެ. މި ބަދަލާ ގުޅޭ އެންމެހައި މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމަވަންވެސް ވަނީ ކަނޑައަޅުއްވާފައެވެ. މިދެ ކުންފުނި އެއްކޮށްލަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) އަކީ ރާއްޖޭގެ އެންމެ ބޮޑު އެއަރޕޯޓް އޮޕަރޭޓަރަށްވުމާއެކު، ދާއިރާގެ ތަޖުރިބާ ހުރި މިފަދަ ބޮޑު ކުންފުންޏަކާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރު.އޭ.ސީ.އެލް) އާ އެއްކޮށްލެވިއްޖެނަމަ، ސިނާޖީ ތަކެއް ހާސިލްކުރުމުގެ ފުރުސަތު ފަހިވެ، އާރު.އޭ.ސީ.އެލް. ގެ ހިންގުން ހަރުދަނާވެ، ސަރަހައްދީ އެއަރޕޯޓްތައް މިހާރަށްވުރެ ރަނގަޅަށް ހިންގޭނެތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިއެވެ.

އެޗްޑީސީގެ ސަބްސިޑިއަރީ ކުންފުންޏަކަށް އެފްޑީސީ ބަދަލުކުރައްވަންވެސް ވަނީ ނިންމަވާފައެވެ. ހައުސިންގ ޑިވެލޮޕްމަންޓު ކޯޕަރޭޝަން ލިމިޓެޑް (އެޗް.ޑީ.ސީ.) ގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑިއަރީ ކުންފުންޏަކަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ.) ބަދަލުކުރުމަށްފަހު، އެޗް.ޑީ.ސީން ބަލަހައްޓަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫޢުތަކާއި އަދި މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވޮލޮޕްމަންޓުގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ ސޯޝަލް ހައުސިންގ މަޝްރޫޢުތައް އެފް.ޑީ.ސީގެ ދަށަށް ބަދަލުކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. އަދި ސިޓީ ކައުންސިލުން ފޯރުކޮށްނުދޭ މުނިސިޕަލް ސަރވިސަސްތައް އެފްޑީސީގެ ދަށުން ފޯރުކޮށްދިނުންވެސް ބަދަލުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އެޗްޑީސީން މިހާރުވެސް ކުރަމުން އަންނަ ސޯޝަލް ހައުސިންގ އާއި ސީދާ ގުޅުމެއްނުވާ، އެ ކުންފުނީގެ މެންޑޭޓްގައިވާ ހުރިހާ މަސައްކަތެއް އެޗްޑީސީ އިން ކުރިއަށް ގެންދާގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.

އެޗްޑީސީ އަކީ އާންމުންގެ ބައިވެރިވުމާއެކު ހިންގާ ޕަބްލިކް ލިސްޓެޑް ކުންފުންޏަކަށް ބަދަލުކުރުމަށް އައި.ޕީ.އޯއަކަށް ދާންވެސް ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތީން ނިންމެވިއެވެ. އަދި އެޗް.ޑީ.ސީ. ގެ ސައްތަ އިންސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް އެފް.ޑީ.ސީ. ބަދަލުކުރުމާ ގުޅޭ މަސައްކަތްތައް އަންނަ އަހަރުގެ ފެބްރުއަރީ ފުރަތަމަ ދުވަހުގެ ނިޔަލަށް ނިންމަންވެސް ވަނީ ކަނޑައަޅުއްވާފައެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އެފް.އެމް.ސީ) އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.) އެއްކޮށްލުމުގެ މަސައްކަތް މި ވަގުތު ކުރިއަށް ނުގެންދެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި އިންޓަގްރޭޓެޑް ޓޫރިޒަމާ ގުޅޭ މަސައްކަތް ކުރެއްވުމަށް ސަރުކާރުން އުފައްދަވާފައިވާ މޯލްޑިވްސް އިންޓަރގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އެމް.އައި.ޓީ.ޑީ.ސީ.) އުވާލުމަށްފަހު، އެ ކުންފުނީގެ މަޝްރޫޢުތަކާއި މަސައްކަތްތައް، އެމް.އެފް.އެމް.ސީ. ގެ މެންޑޭޓަށް ގެނެވޭ ބަދަލުގެ ތެރެއިން އެ ކުންފުންޏާ ހަވާލުކުރެއްވުމަށްވެސް ނިންމެވިއެވެ. މި ކަމާގުޅޭ އެންމެހައި މަސައްކަތްތައް މިއަހަރުގެ ނިޔަލަށް ނިންމަން ވަނީ ކަނޑައަޅުއްވާފައެވެ.

މީގެއިތުރުން އޯޝަން ކަނެކްޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (އޯ.ސީ.އެމް) އިން ކުރިއަށް ގެންދަވާ މަޝްރޫޢުތައް، މިހާރެކޭވެސް އެއްގޮތަށް ކުރިއަށް ގެންދެވުމަށާއި، ދަނޑުވެރިކަމާ ގުޅޭ މަސައްކަތްތައް ކުރެއްވުމަށް އުފައްދަވާފައިވާ އެގްރޯނެޓް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް އުވާލުމަށްފަހު، އެ ކުންފުނީގެ މަސައްކަތްތައް، އެގްރިކަލްޗަރ އިކޮނޮމިކް ޒޯނާ ގުޅޭ މަސައްކަތްކުރާ ކުންފުނި ކަމުގައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑާ ހަވާލުކުރެއްވުމާ ގުޅޭގޮތުން ކުރައްވަންޖެހޭ ކަންކަން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށް ގެންދެވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.