ޚަބަރުރާއްޖެ

އެއްވެސް މުއައްސަސާއަކަށް ނުފޫޒެއް ނުފޮރުވާނަން- ރައީސް

October 30, 2024

Share this story

ދައުލަތުގެ އެއްވެސް ބާރަކަށް އަދި މިނިވަން މުއައްސަސާއަކަށްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. solexsolex

ސޯޝަލް މީޑިޔާގެ ޕްލެޓްފޯމް ތަކުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ އެއްވެސް ބާރެއްގެ، ނުވަތަ މިނިވަން މުއައްސަސާއެއްގެ، ނުވަތަ އިންތިޚާބު ކުރެވޭ އެއްވެސް ބައެއްގެ ބާރުތަކުގެ ތެރެއަށް ނުފޫޒު ފޯރުވުމަކީ އެމަނިކުފާނު މިއަދާ ހަމަޔަށްވެސް ކުރެއްވި ކަމެއް ނޫން ކަމަށެވެ. ކުރިޔަށް އޮތް ތާނގައިވެސް ކުރާނޭ ކަމެއްނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ޢަދުލުވެރިކަމާއި، އިންސާފާއި، ހަމަހަމަކަމާއެކު، ވަކި މީހަކަށް ބެލުމެއްނެތި، ހަލުއި ދުވެލީގައި މަސައްކަތްކުރަމުން ދޭތޯ ކަށަވަރުކުރުމާއި އެ މަގަށް ކަންކަން ބައްޓަން ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް، ޤާނޫނާއި ޤަވާޢިދަށް ގެންނަންޖެހޭ އިސްލާހެއްވާނަމަ އެ އިސްލާޙެއް ގެންނަން ސަރުކާރުން ހުށަހަޅަމުން ގެންދަވާނެ ކަމަށެވެ.

އެމަނިކުފާނު މިފަދަ ޕޯސްޓެއް މިކުރެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަން ކޮމިޝަންގެ ރައީސް އާއި ނައިބުރައީސް އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ބޭފުޅުންގެ ގޮތުގައި ކަނޑައަޅަން ޤާނޫނަށް ސަރުކާރުން ހުށަހެޅުއްވި އިސްލާހުގެ ބަހުސް ފަށާފައި ވަނިކޮށެވެ. އަދި އެއީ މިނިވަން މުއައްސަސާތަކަށް ރައީސުލްޖުމްހޫރިއްޔާ ނުފޫޒު ފޯރުއްވަން ގެންނަ ބަދަލެއް ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށް, ވާހަކަ ދައްކަވަމުން ދަނިކޮށެވެ.