ޚަބަރުރާއްޖެ

ރައީސް މުއިއްޒު ކޮޕް29 އަށް ވަޑައިގެންފި

November 12, 2024

Share this story

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް29) ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އަޒަރުބައިޖާންގެ ބާކޫއަށް ފުރާވަޑައިގެންފިއެވެ. އެ މަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.solexsolex

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ފަރާތުން އިއްވަވާ ޚާއްޞަ ޤައުމީ ބަޔާން އިއްވަވައި، މަތީ ފަންތީގެ އެކިއެކި އިވެންޓްތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން ބައެއް ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮޕް29 ބައްދަލުވުމަކީ ދިވެހިރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި މޫސުމީ ބަދަލުތަކަށް ހޭނުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލުމަށް ފުރުސަތު ލިބޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަކީ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) އަށް ދިމާވާ ތަފާތު ގޮންޖެހުންތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.

ކޮޕް 29 ގައި ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިތައް އެކަށައެޅުމާއި ކާބަން މާކެޓް އޮޕަރޭޝަނަލައިޒް ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމާއި އެއްބާރުލުން އިތުރުކުރުމާއި އެން.ޑީ.ސީ. ތަރައްޤީ ކުރުމަށް ހުރި ހުރަސްތައް ނައްތާލުމާބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. މީގެ އިތުރުން، މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮޕް29 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް، އަޒަރުބައިޖާނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފުރާވަޑައިގަތީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހުގައެވެ.