މިފެށުނީ އިޤުތިޞާދީ ފުދުންތެރިކަން އިއާދަވާންފަށާނެ އަހަރެއް- ރައީސުލްޖުމްހޫރިއްޔާ
December 31, 2024
Share this story
ލިޔުނީ
އަށްޑުވަސް,
މިފެށުނު 2025 ވަނަ އަހަރު ހިމެނިގެންދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ އެކި މަޝްރޫޢުތައް ފަށައި، އިޤުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ޤައުމަށް ލިބެންފަށާނެ އަހަރަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މީލާދީ އައު އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.solex
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއްކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގެ އަމާޒަކީ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަފަށް ހިޖުރަކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުޞަތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤައުމީ ފެންވަރުގައްޔާއި ޖަމާޢަތުގެ ފެންވަރުގައްޔާއި ފަރުދީފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެކަމަށެވެ. މިގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރެޔާއި ދުވާލު އިޚްލާޞްތެރިކަމާއެކު ދެމި އޮތުންކަމަށާއި، ވަޢުދުތައް ފުއްދުމާއި، އިތުބާރު ދެމެހެއްޓުމާއި، އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ އާ އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރި، ޞުލްޙަ މަޞްލަހަތު އިސްކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ތަރައްޤީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި، އިޙްތިރާމާއި، ކުލުނުވެރިކަންކަމުގައި ފާހަގަކުރައްވައި އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށްޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާމެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އެންމެން ގުޅިގެން ޤައުމީ ތަރައްޤީގައި އެއް އަމާޒަކަށް ދަތުރުކުރުމަށް ޚިޠާބުގައި އެމަނިކުފާނު ބާރުއެޅުއްވިއެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަޤުބަލަށްޓަކައި ޒިންމާދާރުކަމާއެކީ، ޤައުމު ބިނާކުރުމުގެ އަހަރުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.