ކުރީގެ ރައީސް ޞާލިހުގެ މަންމާފުޅު އަވަހާރަވެއްޖެ
July 18, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ކުރީގެ ރައީސް ޞާލިހުގެ މަންމާފުޅު މުއުމިނާ ހުސައިންފުޅު މިއަދު އަވަހާރަވެއްޖެ އެވެ.solex
މައުލޫމާތު ލިބިފައިވާ ގޮތުގައި މުއުމިނާ އަހަވާރަވީ 80 އަހަރު ފުޅުގައި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. މުއުމިނާއަކީ ރައީސް ޞާލިހުގެ އިތުރުން މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ ވެސް މަންމާ ފުޅެވެ. އަދި މަޖީދިއްޔާ ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ސާލިހާއި, ރައީސް ސާލިހުގެ ދައުރު ނިމުމާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ ޕާސަނަލް ސެކެޓްރީކަން ކުރެއްވި ފާތިމަތު ސާލިހު (ފާތޭ)ގެ ވެސް މަންމާފުޅެކެވެ. ރައީސް ޔާމީންގެ ޕާސަނަލް ސެކެޓްރީކަންވެސް ކުރެއްވީ ފާތޭ އެވެ.
މުއިމިނާ އަހަވާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ރައީސްގެ ތައުޒިޔާގެ މެސެޖްގައި ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ލޮބުވެތި މަންމާފުޅު މުއުމިނާ ޙުސައިންފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ ޢާއިލާއަށް ހިތުގެ އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކުރައްވާ ކަމަށެވެ.
އަދި މާތްﷲގެ ތަނަވަސްވެގެންވާ ރަޙްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމާ މުއުމިނާ ޙުސައިންފުޅު ލެހެއްޓެވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ. މީގެއިތުރުންވެސް ސިޔާސީ ދާއިރާގެ ފަރާތްތަކާއި, ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ ހިތާމައިގަ ބައިވެރިވެ ތައުޒިޔާ ދަންނަވަމުންނެވެ.