ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ދިވެހިން ސަމާލުވުމަށް އިލްތިމާސްކޮށްފި
July 19, 2024
Share this story
ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމަށް ދާ އަދި އެތާ އުޅޭ ދިވެހިން ސަމާލުވެ ރައްކާތެރިވެގެން އުޅުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.solex
ބަންގްލަދޭޝްގައި ސިވިލް ސަރވިސް ވަޒީފާތަކަށް މީހުން ނެގުމުގެ ސިޔާސަތުތަކާ ދެކޮޅަށް ފެށުނު މުޒާހަރާތައް ވަނީ ހޫނުވެފައެވެ. އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި އިމާރާތްތަކުގައި ހުޅުޖެހި، 40 އަކަށް މީހުން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވަނީ އިންޓަނެޓް ކަނޑާލައި، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ހުރިހާ ހައި ސްކޫލްތަކާއި، އިސްލާމީ ތަޢުލީމު ދޭ މަރުކަޒުތަކާއި، ވޮކޭޝަނަލް އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވަކި އެންގުމަކާ ހަމައަށް ބަންދުކުރުން ހިމެނެއެވެ.
ފޮރިން މިނިސްޓްރީން ވަނީ ބަންގްލަދޭޝްގައި ތިބި ދިވެހިންނަށް، މި ވަގުތު ބޭރަށް ނުކުމެ ނޫޅުމަށާއި، ބަންގްލަދޭޝް ސަރުކާރުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ރާއްޖޭގެ ހައި ކޮމިޝަންގެ އިރުޝާދުތަކަށް ތަބާވުމަށްވެސް އެދިފައިވެއެވެ.
އެ ގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ. އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅުމަށްވެސް އިރުޝާދު ދީފައިވެއެވެ.
މި މުޒާހަރާތަކާ ގުޅިގެން ހިނގަމުންދާ ކަންކަމާ މެދު އެމްނެސްޓީ އިންޓަނޭޝަނަލް އާއި އެމެރިކާ އަދި އެހެން ބައެއް ބައިނަލްއަޤްވާމީ އިދާރާތަކާއި ގައުމުތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.