ޚަބަރުރިޕޯޓް

13 އަހަރުގެ ކުއްޖާގެ މަރާއެކު މުއައްސަސާތައް 'ހޭލައިފި'

January 21, 2024

Share this story

އިތުރު ފަރުވާއަށް ގއ.އަތޮޅު ހޮސްޕިޓަލުން މާލެ ގެނައި, ވިލިނގިލި 13 އަހަރުގެ މުހައްމަދު ޖާހު ޚާލިދު ނިޔާވީ ފަރުވާއަށް ގެނައުމުން ލަސްވެގެން ކަމަށް ކުރާ ތުހުމަތު ބޮޑެވެ. ހުކުރު ދުވަހު މާލޭގައި ނިޔާވި ކުއްޖާއަށް ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އެކަށަިގެންވާ ފަރުވާ ނުދެވޭތީ އާއި މާލެ ފޮނުވާލުން ލަސްވެގެން މުޒާހަރާވެސް ކުރިއެވެ. އަތޮޅު ހޮސްޕިޓަލްގެ ނަން ހެލްތް ޕޯސްޓްގެ ނަމަށްވެސް ރައްޔިތުންގެ ތެރެއިން ބަޔަކު ބަދަލުކުރިއެވެ. solexsolex

ނިޔާވި ޖާހު އަށް ފަރުވާއަށް މާލެ ގެނައުން ލަސްވީ އަތޮޅު ހޮސްޕިޓަލުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރިޔަސް, އާސަންދައިގެ އެހީގައި ފްލައިޓް އައިސް ކުއްޖާ ގެންދިއުމުގައި ހިނގާދިޔަ ވަގުތު ތަކުގެ ސަބަބުންނެވެ. އެއީ އިދާރީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަމާ އެކުއެވެ. މުއައްސަސާތައް ހޭލާ, ހުރިހާ މުއައްސަސާއަކުން ބަސް ބުނީ ކުއްޖާ ނިޔާވުމާއެކު, އޭގެ ސަބަބަކީ ފަރުވާއަށް ގެނައުން ލަސްވުން ކަމަށް ކުރެވޭ ތުހުމަތުތަކާ އެކުއެވެ. އެހިސާބުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އަވަސް, ވަރަށް މުހިއްމު ކޮންމެހެން ނިންމަވަން ޖެހޭ ނިންމެވުމެއް ނިންމަވާފައެވެ. ކަން ހިނގިދާޔަ ގޮތުގެ ތަފްސީލް މައުލޫމާތު އެމަނިކުފާނު ހޯއްދެވިއެވެ.

މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އެންގެވިއެވެ. އެންމެ މުހިއްމު އެންގެވުމަކީ ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކޮށް, ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅުއްވުމަށް އެންގެވި އެންގެވުމެވެ. އައިލެންޑް އޭވިއޭޝަނުން އެއުޞޫލުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. މިހާރު މޯލްޑިވިއަންއިން ވަނީ އެފަދަ އުޞޫލަކަށް އަމަލުކުރަން ފައްޓަވާފައެވެ. އެމަޖެންސީ ހާލަތުގައި އާސަންދަ ހަމަޖެހެންދެން މަޑުނުކޮށް, ބަލިމީހާއަށް އިސްކަންދޭ އުޞޫލަށް އަމަލުކުރަން ފެއްޓެވިކަމަށް ވަނީ ބުނެފައެވެ. އައިލެންޑް އޭވިއޭޝަނުން އެއުޞޫލުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ. މިއީ ހަގީގަތުގައި ކުރިން ނިންމަވާފައި އޮންނަންޖެހޭނެ ވަރަށް މުހިއްމު ނިންމެވުމެކެވެ.

މިހާދިސާއާ ގުޅިގެން ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި އިންޑިޔާގެ ހެލިކޮޕްޓަރުގެ ބޭނުން ސިޔާސީ ސަބަބުތަކަށް ޓަކައި ސަރުކާރުން ނުކުރި ކަމުގެ ތުހުމަތު ހިމެނެއެވެ. ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫނު މިހާދިސާގެ ތެރޭގައި ބަސް ވިދާޅުވި ސަބަބަކީވެސް އެއީ ކަމުގައި ބެލެވެއެވެ. ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވީ ޞިއްޙީ އެމަޖެންސީ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް އެންގެވުމެއް އެސްއޯޕީގައި ނޯންނަ ކަމަށެވެ. އަދި އެފަދަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ހުއްދަ ދެއްވުމެއް ނޯންނަ ކަމަށް ވިދާޅުވިއެވެ.

އެއީ އެކަމާގުޅޭ އިދާރާތަކުން ކޯޑިނޭޓް ކުރެވިގެން ހިނގާ ކަމެއް. 2021 ން ފެށިގެން ތަފާސް ހިސާބުތަކަށް ބަލާއިރު ޞިއްޙީ ހާލަތްތަކުގައި %93 ކޮށްފައިވަނީ މޯލްޑިވިއަން މެދުވެރިކޮށް.

އެހާލަތު ދިމާވީ އިންޑިޔާގެ ހެލިކޮޕްޓަރު ބޭނުން ނުކޮށްގެން ނޫންކަން ސާބިތުކޮށްދެއްވުމަށް މިނިސްޓަރ ޣައްސާން ބޭނުންކުރެއްވީ ތަފާސް ހިސާބެވެ. ކުއްޖާގެ ހާލަތު ސީރިޔަސްވެ މާލެ ގެންދަން ޖެހޭކަން ބުރާސްފަތި ދިވަހު ފަތިހު އަތޮޅު ހޮސްޕިޓަލުން އެންގިޔަސް, ކުއްޖާ މާލެ ގެންދެވުނީ ބުރާސްފަތި ދުވަހު އިރުއޮއްސެނިކޮށެވެ. އެއީ ފްލައިޓެއް ޗާޓަރ ކޮށްގެންނެވެ. އޭގެކުރިން ލ.ކައްދޫއަށް އޮތް ފްލައިޓެއް ކޫއްޑޫއަށް ޖައްސައިގެން ޖާހު މާލެ ގެންދަން މަސައްކަތް ކުރި ކަމަށާއި, އެކަންނުވީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް އާސަންދައިން ބުންޏެވެ.

ނަމަވެސް ހިތާމެވެރި އެހާދިސާއަށްފަހު އަވަސް ނިންމެވުންތަކެއް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެނިންމެވުންތަކަށް އަމަލުކުރާ ނަމަ ކުރިއަށް އޮތްތަނުގައި ބަލިމީހަކު އެމަޖެންސީކޮށް މާލެ ގެންނަން ޖެހޭ ހާލަތުގައި މާލެ ނުގެނެވިގެން, ހިތާމަވެރި ހާދިސާއެއް ހިނގުމަކީ ދުރުކަމެކެވެ.