ޚަބަރުރިޕޯޓް

ދީމާ, ދީމާ, އެންމެން އެއް އަޑަކުން ދީމާގެ ނަން!

May 15, 2024

Share this story

ބުދަ ދުވަހު (15 މެއި 2024) މެންދުރު ފަހަނަ އަޅާ އަސުރަށް ބަދަލުވެގެން ދިޔައީ ދީމާގެ އަޑުން ގުގުމާލަމުންނެވެ. އެންމެ 16 އަހަރުގެ ދީމާގެ ނަމުން އެންމެ ފުރަތަމަ ގުގުމާލީ ކުޅިވަރު އާއިލާއާއި ނޫސްވެރިންގެ އަޑުންނެވެ. އޭގެފަހުން ދިވެހި ރައްޔިތުންނާއި ގައުމުގެ ވެރިންވެސް އެއް އަޑަކުން ގޮވަމުން ދިޔައީ ދީމާގެ ނަމެވެ. އިރު އޮއްސި ދަންބަޔަށް ބަދަލުވެގެން ދިއުމުގެ ކުރިން ރައީސުންވެސް ދީމާއަށްޓަކައި ގައުމު ފަޚުރުވެރިވާކަން އިއުލާނުކޮށްފިއެވެ.solexsolex

އެންމެ އެއް އަޑަކުން ދީމާގެ ނަން ގުގުމާލީ ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ފަޚުރުވެރި ކާމިޔާބީއެއް އަނެއްކާވެސް ހޯދައިދިނީތީއެވެ. ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ގޭމްސް 'އޮލިމްޕިކްސް' އަށް ރާއްޖެ ކޮލިފައިކޮށްދިން ފުރަތަމަ އެތްލީޓްގެ ގޮތުގައި ފާތިމަތު ދީމާ އަލީ ތާރީޚުގެ ތެރެއަށް ވަނީއެވެ. ސަރަހައްދުގެ ގައުމު ތަކުގެ ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހު މިއަދު ނޭޕާލްގައި ހޯދި ކާމިޔާބީއާއެކު އަންނަ އަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިސްގައި ފަށާ އޮލިމްޕިކްސްގައި ކޮލިފައިވެގެން ރާއްޖެ ތަމްސީލް ކުރާނެ އެތްލީޓެއްގެ ގޮތުގައި ދީމާ ވެގެން ދިޔައީއެވެ. ކޮލިފިކޭޝަން ފައިނަލްގައި ސްރީލަންކާގެ ބަންޑާރާ ބިމަންދީ 4-1 ސެޓުން ބަލިކޮށް ދީމާ ހޯދީ ތާރީޚީ ފަޚުރުވެރި ކާމިޔާބީ އެކެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ވަނީ ދީމާގެ ކާމިޔާބީއަކީ ރާއްޖެ އޮލިމްޕިކްސް އަށް ފުރަތަމަ ފަހަރަށް ކޮލިފައިކޮށްދިން ކާމިޔާބީކަން އިއުލާނުކޮށް އިނގިރޭސި ބަހުން ނޫސްބަޔާނެއް އާއްމުކޮށްފައެވެ. ދީމާގެ ކާމިޔާބީއާ ގުޅިގެން އެކާމިޔާބީގެ ފަހަތުގައުވާ ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް މަރުހަބާ ކިޔާފައެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެސް ވަނީ ޒުވާން ދީމާގެ ކާމިޔާބީ ފާހަގަކުރައްވާ މަރުހަބާ ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތްލީޓްގެ ގޮތުގައި ދީމާ ރާއްޖެ ފަޚުރުވެރިކޮށްދީފި ކަމަށެވެ. ރައީސް ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް މިއީ ކާމިޔާބު ދުވަހެއް ކަމަށެވެ.

ރައީސް މުއިއްޒުގެ ކުރިން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވެސް ވަނީ ދީމާގެ ކާމިޔާބީ ފާހަގަކުރައްވާ މަރުހަބާ ދަންނަވާފައެވެ. ދީމާގެ ކެރިއަރުގެ އެންމެ ގިނަ ކާމިޔާބީތައް ހާސިލްކުރީ މިދިޔަ ފަސް އަހަރުއެވެ. މިދިޔަ ފަސްއަހަރު ގިނަ ފުރުޞަތުތަކެއް ދީމާގެ ކުރިއެރުމަށް ސަރުކާރުން ތަނަވަސްކޮށްދިނެވެ. ރައީސް ޞާލިހު ވިދާޅުވީ ހަމަ ޔަގީނުންވެސް މިއީ ރާއްޖޭގެ ކުޅިވަރަށް ފަޚުރުވެރި ދުވަހެއް ކަމަށެވެ. މިއީ މިދިޔަ އަހަރު ތަކުގައި ދީމާއާއި ދީމާގެ އާއިލާއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ޞާލިހު ވިދާޅުވިއެވެ. ޕެރިހުގައިވެސް ދީމާ ދިވެހިން ފަޚުރުވެރިކޮށްދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ނައިބުރައީސް ފައިސަލް ހުސައިން މުޙައްމަދު ލަތީފާއި, ކުރީގެ ނައިބުރައީސް ފައިސަލް ނަސީމްއާއި, މިދިޔަ ސަރުކާރުގައި ދީމާއަށް ޚާއްޞަ ގޮތެއް ބެހެއްޓެވި މިނިސްޓަރ އަހުމަދު މަހުލޫފްވެސް ވަނީ މިކާމިޔާ ފާހަގަކޮށް މަރުހަބާ ދަންނަވާފައެވެ. މީގެއިތުރުންވެސް ސަރުކާރުގެ އެކި ފަންތީގެ ވެރިންނާއި, ކުޅިވަރުޔގެ ތެރޭގައި ޝާމިލްވާ ފަރާތްތަކާއި ޢާއްމުންގެ އުފާވެރި ޝުޢޫރުތައް މިއަދު މެންދުރު ފަހުން ފެށިގެން ހުރީ ދީމާގެ ނަމާއެކުއެވެ.

ދީމާ އަކީ 2019 ވަނަ އަހަރާއި,2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރަން މެޑަލް ރާއްޖެއަށް ހޯދައިދިން ފަޚުރުވެރި އެތްލީޓެވެ. ވަރލްޑް ޖޫނިއަރ ޗެމްޕިއަންޝިޕަށް ރާއްޖެއިން ކޮލިފައިވި ފުރަތަމަ އެތްލީޓަކީވެސް ދީމާއެވެ. ދުނިޔޭގެ ޓޭބަލް ޓެނިހުގައި 15 އަހަރުން ދަށުގެ ސިންގަލްސް ކެޓަގަރީގައި 8 ވަނަ އަށް ރޭންކު ކޮށްފައިވާ ކުޅުންތެރިއަކީވެސް ދީމާއެވެ.

ދީމާގެ ކުރިއެރުމަށް ޔޫރަޕް ހިމެނޭ ގޮތަށް ތަމްރީނުގެ ގިނަ ފުރުޞަތުތަކެއްވެސް ވަނީ ހޯދައިދީފައެވެ. އޭގެތެރޭގައި ކްރޮއޭޝިޔާ, ފްރާންސް, އިންޑިޔާ, ސްރީލަންކާ ފަދަ ގައުމުތައް ހިމެނެއެވެ. އަދި ބޭރުގެ ގިނަ މުބާރާތްތަކެއްގައިވެސް އަންނަނީ ވާދަކުރަމުންނެވެ. ދީމާ ރާއްޖެ ތަމްސީލްކުރަނީ ސްރީލަންކާ ގައުމީ ޓީމް ތަމްސީލްކުރަން ލިބުނު ފުރުޞަތުވެސް ދޫކޮށްލުމަށްފަހު އެވެ. މިހުރިހާ ސަބަބުތަކާހުރެ ހަގީގަތުގައިވެސް ދީމާއަށް ޓަކައި ފަޚުރުވެރިވުން ހައްގެވެ.