ޚަބަރުރިޕޯޓް

ޚަރަދު ކުޑަކުރުމުގެ ވާހަކަ ތަކުގައި އޮތީ ކޮން ހެޔޮ ނިޔަތެއް!

June 29, 2024

Share this story

މިހާރު މިއޮތް ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޕީއެންސީ ސަރުކާރު ވެރިކަމަށް އައުމަށް ކެމްޕެއިންގައި ތަކުރާރުކޮށް ދެއްކެވި އެއް ވާހަކަ އަކީ އޭރު އޮތް އެމްޑީޕީ ސަރުކާރުގެ ޚަރަދުތައް ބޮޑު ވާހަކައެވެ. ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވާ އެތަކެއް ޖީލެއް ދަންތުރައެއްގައި ޖެއްސި ވާހަކައެވެ. އިންޑިޔާގެ އުނގަށް ވެއްޓި, އިންޑިޔާ އިން ނެގި ލޯނުތަކާއެކު ބޯ ހިއްލާލެވެން ނެތް ވާހަކައެވެ. ގައުމު ދެން ސަލާމަތްކުރެވޭނެ 'ހަމައެކަނި' ގޮތް ކަމަށް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ދިނުމެވެ. ރައީސުލުޖުމްހޫރިއްޔާ ކަމަށް ޑރ.މުހައްމަދު މުއިއްޒު އިންތިޚާބު ކުރުމެވެ. އެކަން ރައްޔިތުން ކުރިއެވެ. ގައުމުގެ މުސްތަގްބަލަށް ޓަކައެވެ.solexsolex

އެވަރަކުން ނުނިމުނެވެ. ހާލަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލުހުގެ ދުއްތުރާ މާބޮޑީއެވެ. ހާލަތު ބަދަލުކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު މެޖޯރިޓީއެއް ބޭނުންވެއެވެ. އިގްތިސާދީ އެޖެންޑާ ފާސްކޮށް, ރުހުން ދޭނެ މަޖިލިހެއް ބޭނުންވެއެވެ. އޭރުން ރާއްޖޭގެ ހާލަތު 'ރާސްލާފައި' ބަދަލުކޮށްލެވޭނެވެ. މުއިއްޒު ދުވެލީގައި މިގައުމުގެ މިސްރާބު ސީދާވެ ފަތުއަޑު ކިޔާފަ ދުއްވައިގަންނާނެއެވެ. އެކަންވެސް ރައްޔިތުން ކޮށްފިއެވެ. އުއްމީދުވެސް ނުކުރާ ބޮޑު މެޖޯރިޓީއެއް ދިނީ ޤާނޫނު އަސާސީވެސް ބަދަލުކުރެވޭނެ މިންވަރަށެވެ. ގައުމުގެ މުސްތަގްބަލަށް ޓަކައެވެ.

އެކަމަކު މިދިޔަ ދެތިން ދުވަހަކު އެއް ރާގަކަށް މިއިވޭ އަޑުތަކުން ރައްޔިތުން މާޔޫސްކޮށްލައިފި އެވެ. ކުރީ ސަރުކާރެވެ. މިދިޔަ ސަރުކާރެވެ. ފާއިތުވި ސަރުކާރެވެ. ހުރިހާ ޒިންމާއެއް މިދިޔަ ސަރުކާރަށެވެ. އެސަރުކާރު ގޯސްވެގެން އެސަރުކާރާއެކު މިސްރާބު ގޯސްވެގެން މިސްރާބު ރަނގަޅު ކުރެވޭނެ ހަމައެކަނި ގޮތް ރައްޔިތުން ހަދައިދިނީމަ އަނެއްކާވެސް މިދިޔަ ސަރުކާރެވެ. މިހާލަތަށް ގައުމު ވައްޓާލީ މިދިޔަ ސަރުކާރެވެ. ދަރަނި ދަންތުރައިގަ ޖެއްސީ މިދިޔަ ސަރުކާރެވެ. ހާލަތުން އަރައިގަންނަން މިހާރޮ އޮތް ގޮތަކީ 'ހިތިބޭސް' ބުއިމެވެ. އެކަމަކު އެބޭސް ބޯން ޖެހެނީ ރައްޔިތުންނެވެ.

ކެމްޕެއިން ތެރޭގައި ވިދާޅުވީ ދަރަނި ދެއްކޭނެ ގޮތް އެބައޮތް ކަމަށެވެ. ފްލެޓްތައް އެޅޭނެ ގޮތް އެބައޮތް ކަމަށެވެ. ފަސް އަހަރު ތެރޭގައި ބޯހިޔާވަހިކަން ނުލިބޭނެ ރައްޔިތަކު ނުހުންނާނެ ކަމަށެވެ. ދެއްވީ ރާއްޖެއަށް ލިބޭ އެއްޗަކުން ގައުމު ހިންގޭނެ ކަމުގެ ޔަގީންކަމާއި އުއްމީދެވެ. މާނައަކީ ރާއްޖޭގެ އިގްތިސާދުގައި ވަރު ހުއްޓެވެ. ހަކަތަ ހުއްޓެވެ. އެކަން އިތުރަށް ސާބިތުވީ ވެރިކަމަށް އިންތިޚާބުވެވަޑައިގެން އެޅުއްވި ފިޔަވަޅު ތަކުންނެވެ. ނުވަތަ ކުރެއްވި ކަންތައްތަކުންނެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިދާނުގައި ބާއްވާ ކުރެއްވި ބޮޑު ހޭދައެވެ. މުލީއާގެ އާއި ހިލާލީގޭގެ މަރާމާތަށް ބޮޑު ޚަރަދެއް ކުރެއްވިއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ޑްރޯންތައް ގެންނަވާ މެޑަލް ޖެއްސެވިއެވެ. އީދަށް މާލެއާއި ވެރިކަން ކުރާ ރަށްތައް ދިއްލާލި ގޮތަށް އާީދު ނިމި ހަފްތާއެއް ވީއިރުވެސް އެބޮކިތައް ނުނިވެއެވެ. ސިޔާސީ މަގާމްތަކުގެ އަދަދެއް އަދާ ހަމައަށްވެސް ނޭންގެއެވެ. ސިޔާސީ މުވައްޒަފުން އެމީހުން އަމިއްލައަށް ލާ ޕޯސްޓްތަކުން އެކަނި ހިސާބު ހަދާލިޔަސް 2000 ފަހަނަ އަޅައެވެ. ޓެކްނިކަލް މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓަށް އަދާހަމަ ނުވާ ހަމައެކަނި މައުލޫމާތަކީ ސިޔާސީ މުވައްޒަފުންގެ އަދަދު ސާފްވާނޭ މައުލޫމާތެވެ.

ވެރިކަމަށް އިންތިޚާބުވެ ޖެހިގެން އައި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރެއްވި ޚަރަދު ފެނުނަސް ފިތް ކަނޑައިގެން ދާނެއެވެ. އިގްތިސާދުގައި ހުރި ހަކަތައާއި ބުންވަރާ މެދު ޝައްކެއް ނުކުރާނެއެވެ. ޢާއްމު މީހަކު ސޯޝަލް މީޑިޔާގައި ބުނެފައިވާ ފަދައިން 'މަޖިލިސް ކެމްޕެއިނަށް އަލީ ހަމީދު މިރަށަށް ފޮނުވައިގެން ކުރި ޚަރަދުން އިގްތިސާދުގައި ހަކަތަ ނެތްކަމެއް ނޭންގެއެވެ' މަޖިލިހަށް އިންތިޚާބުވީ ގިނަ މެމްބަރުންނަކީ ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުންދިޔަ ފަރާތްތަކެވެ. އިންތިޚާބުވުމާ ހަމައިން ބޭފުޅުންނަށް ބަދަލުވި ނަމަވެސް, ހުވާ ކުރެއްވުމުގެ ކުރިން (މުސާރައެއް ލިބުމުގެ ކުރީން) އެކުރައްވަން ފެއްޓެވި ހޭދައިން އެކަނިވެސް ގައުމުގެ އިގްތިސާދީ ބުންވަރާ ހަކަތަ ސާފް ވާނެއެވެ. ކޮންމެ ރަށެއްގައި ހަވާ އެރުވުމާއި, ދެއްވި ފަރިކޮޅުތަކުން އެކަނިވެސް ފުދެއެވެ. މަޖިލިސް އިންތިޚާބަށް ދިން ސިޔާސީ ވަޒީފާތަކާއި, ކުންފުނިތަކުން ދިން ވަޒީފާ ތަކުގެ އަދަދު ސާފް ނުވިޔަސް އެކަންކަން އެހުރީ ލޯމަތީން ފެންނާށެވެ.

ސުވާލަކީ އިގްތިސާދީ ހާލަތު ގޯސްވެގެން ސަބްސިޑީއާއި, އާސަންދައިގެ ހައްގުވެރީ ހޯދަން އިއްޔެ މިފެށީ ކީއްވެތޯއެވެ. ޖީއެސްޓީއާއި, އެހެން ޓެކްސްތައް ބޮޑުކުރާނެ ކަމުގެ ވާހަކަތައް ފެންމަތި މިވީ ކީއްވެތޯއެވެ. ޓެކްސްތައް ބޮޑުކުރާނެ ކަމުގެ ވާހަކައާއި ރައްޔިތުންގެ ރުޅިގަނޑު އިންތިހާއަށް ދިއުމުން ފިނުކުރަން ޖީއެސްޓީ ބޮޑުކުރުމުގެ ބަދަލުގައި މުރާޖާ ކުރާ ވާހަކައަކަސް ބަދަލުވިޔަސް ހަގީގަތަކީ އެފަދަ ފިޔަވަޅު ތަކަކާ ދިމާއަށް ސަރުކާރު މިސްރާބު ޖަހާފައި ވާކަމެވެ. އިގްތިސާދީ ހާލަތު އެނގި ތިބެ, ވެރިކަމަށް ވަޑައިގެން މަޖިލިސް ހޯދުމުގެ ބޭނުމުގައި ނުފުއްދޭ ވަރުގެ ބިޔަ ބޮޑަތި ވައުދުތައްވެ, ބަޖެޓަށް ނުކަތާ ވަރަށް ވަޒީފާތަކަށް މީހުން ވެއްދީއެވެ. އެކަން ހަމަޔަކަށް އަޅުވަން ވާހަކަ ދައްކަވަން މިފެށީ ވެރިކަމުގެ ފުރަތަމަ 7 މަސް ފާއިތުވުމުންނެވެ. މަޖިލިހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންވެސް ފާހަގަކުރެއްވީ އެކަމެވެ.

18 ނޮވެންބަރު 2023 ވަނަ ދުވަހު ފަށަންޖެހޭ ކަމެއް އޭގެ 7 މަސްދުވަހަށްވުރެ ފަހުން ފެށީމާ ރަނގަޅު ނަތީޖާ ނެރެން މާ އުނދަގޫވެ ލަސްވާނެ. ގައުމީ މަސްލަހަތުގައި އަޅަންޖެހޭ މާލީ އަދި އިގުތިސާދީ އިސްލާޙީ ފިޔަވަޅުތައް އަޅަންޖެހޭނީ އިތުރަށް ދަރަނި ނުނެގޭނެކަން ޔަގީންވީމައެއް ނޫން.

ހަގީގަތަކީ ގައުމުގެ މިސްރާބު ގޯސްވެއްޖެ ކަމެވެ. އިގްތިސާދީ ހާލަތު ނާޒުކް ވެއްޖެ ކަމެވެ. އެހާލަތަށް ދިއުމުގައި ކުރިން ނަގާފައި ހުރި ދަރަނިތަކަކީ ސަބަބެކެވެ. އެކަމަކު އެސަބަބުތައް އެނގިހުރެ ހަތްމަސް ވެގެން ދިޔައިރު އެކަމަށް ރިއާޔަތްނުކުރުމަކީ މާބޮޑު ސަބަބެކެވެ. އިހަށްދުވަހު ވެސް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ފާހަގަކުރީ މިއހަަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެ ޒިތާރަތް ކުރުމެވެ. އެއީ މުޅިންވެސް ޑޮލަރެވެ. އާމްދަނީ ވަދެއެވެ. އެކަމަކު އެބޭނުން ކުރެވޭ ގޮތް ގޯހެވެ. ހަގީގަތުގައި ވެރިކަމަށް އިންތިޚާބުވީ އިރު ގައުމުގެ ހާލަތު އޮތީ ސާފްކޮށް ފެންނާށެވެ. ފިޔަވަޅުތައް އަޅަން ވާނީ 7 މަސް ފަހުންނެއް ނޫނެވެ. އެސްޓީއޯގެ ކުރީގެ މެބޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެވާހަކައެވެ.

އިންތިޚާބު ނިމި ހުވާކުރުމާ ދޭތެރޭ ހުރިހާ މައުލޫމާތެއް ލިބެން ހުރި. އެ 2 މަސްތެރޭ އިޤްތިސާދީ އެޖެންޑާ އެކުލަވާލެވިފަ އޮންނަންވާނީ. ފާއިތުވި 7 މަހަކީ އެ އިޤްތިސާދީ ބަދަލުތައް ގެންނަން ލިބުނު 7 މަސް. އެޖެންޑާއެއް ނެތި ދިމާ އިދިކޮޅަށް ސަރުކާރު ހިންގުމުން ނުރައްކާ ހިސާބަށް މިދިޔައީ.

ހާލަތު މިހާރު މިއޮތީ ގޯސް ފައްތަރަށް އައިސްފައެވެ. ސަރުކާރުން ރައްޔިތުންނަށް ވިސްނައިދެމުން އަންނަ ފަދައިން 'ހިތިބޭސް' ބޯން ޖެހިފައެވެ. އެކަމަކު އަދިވެސް ސުޕަރ މެޖޯރިޓީ އޮތް ސަރުކާރުގެ ބައެއް މެމްބަރުން އާސަންދައާއި ސަބްސިޓީ ހައްގުވެރިންނަށް ދޭ ވާހަކައާއި މެމްބަރުންގެ މުސާރަ ކުޑަކުރަން ޖެހޭ ވާހަކައާއި, އެލަވަން ކަނޑަން ޖެހޭ ވާހަކައާއި, ރައްޔިތުންނަށް ނުލިބޭ ހެލްތް އިންޝުއަރެންސެއް ލިބެން ނުޖެހޭ ވާހަކަ ވިދާޅުވަނީ "އެކްސް' ގައެވެ. ފޭސްބުކާއި އެހެން ސޯޝަލް މީޑިޔާގެ ވަސީލަތްތަކުގައެވެ. އެކަންކަން ތަންފީޒުކޮށް ތަންފީޒުކޮށް ނަމޫނާ ދައްކައިފީމޭ ބުނުމުގެ ފުރުޞަތު އޮވެވެސް މެއެވެ.

މިހުރިހާ ވާހަކަތަކާއެކުވެސް އެމްޑީޕީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް ވިދާޅުވާ ވާހަކައަށްވެސް ނަޒަރު ހިންގާލަން ޖެހެއެވެ. ރައްޔިތުންގެ ޒިންމާއާއި, އިހުމާލު ވެސް ހަގީގަތުގައި ކުޑައެއް ނޫނެވެ. އެވާހަކަ ނިކަން ތިލަކޮށް އިބްރާހީމް އިސްމާއީލް ވިދާޅުވިއެވެ. ގައުމުގެ ހާލަތަށް ރައްޔިތުން ނުބަލައެވެ. އިގްތިސާދުގައި އޮތް ބުވަރަކަށް ހަކަތައަކަށް ނުބަލައެވެ. ބޮޑަތި ވައުދުތައް ވީމައި ފުދެއެވެ. ސިޔާސީ ވަޒީފާތައް މަދުކުރައް ގޮވާއިރު އެވަޒީފާ ތިމާއާ ޖެހުނީމާ އެގޮތްވެސް ރަނގަޅެވެ. މިފަދަ ކަންކަން އަހަރެމެންވެސް ރަނގަޅު ކޮށްލަނިކޮށް ގައުމު ރަނގަޅު ވާނެއެވެ. އޭރުން ގައުމުގެ ހުންގާނު ހުސް ވައުދާ އެކު ދޫކޮށެއް ނުލެވޭނެއެވެ.