ޚަބަރުރިޕޯޓް

ފްލެޓްތަކުގެ މައްސަލައިގައި ކަންބޮޑުވުމާއި, ތުހުމަތުތައް!

February 07, 2024

Share this story

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ފުރަތަމަ އިމާރާތްކުރަން ފެށި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓާމެދު އަމަލުކުރަމުންދާ ގޮތުން ކަންބޮޑުވުންތަކާއި ތުހުމަތުތައް އަމާޒުކުރަން ފަށައިފިއެވެ.solexsolex

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބުދުالله ހުށަހެޅުއްވި މައްސަލައިގައި ގޮވާލެއްވީ އެއްވެސް މައްސަލައެއް ނެތް ފްލެޓްތައް އަވަހަށް ހަވާލުކުރެއްވުމަށެވެ. އޭސީސީން ހުއްޓުވާ, މިހާރު ކުރިއަށް ގެންދަން ހުއްދަ ދީފައިވާ ފްލެޓްތަކުގެ މައްސަލައިގެ ތަހުގީގަށްފަހު ބުނެފައިވަނީ ލިސްޓްގައި އޮތް %60 މީހުން ޝަރުތު ހަމަނުވާ ކަމަށެވެ.

އޭސީސީ ތަހުގީގާމެދުވެސް މެމްބަރުން ގެންދަވަނީ ސުވާލުއުފައްދަވަމުންނެވެ. ޚާއްޞަކޮށް އޭސީސީން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ މަރުހަލާއެއް ކުރިއަށް ގެންދާކަމުގެ ތުހުމަތު ކުރެވެއެވެ. އެއީ ސަރުކާރުގެ އެންމެވުމަށް ކުރައްވާ ކަމެއްކަމަށް ކުރާ ތުހުމަތުވެސް ބޮޑެވެ. ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ އޭސީސީން ކުރަމުން ގެންދަނީ ހައުސިންގ މިނިސްޓްރީން ކުރައްވަންޖެހޭ މަސައްކަތް ކަމަށެވެ. އޭސީސީން ހައުސިންގ މިނިސްޓްރީގައި މަސައްކަތްކުރައްވާކަމުގެ ތުހުމަތުވެސް ކުރެއްވިއެވެ.

އޭސީސީން ފޯމްތައް އިވެލުއޭޓް ކުރުމުން, އަނެއްކާ އެކޮމިޝަންގެ އިވެލުއޭޝަން ރަނގަޅުތޯ އެހެންބަޔަކު އިވެލުއޭޓްކުރަން ޖެހޭނެކަން ސަލީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ފްލެޓް މައްސަލައިގައި ފެންނަނީ ވުޒާރާތަކާއި, މުއައްސަސާތަކުގެ މެންޑޭޓް އޮޅޭ ހިސާބަށް ގޮސްފައިވާ ތަން ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވަނީ ސީރިއަސް ތުހުމަތެއް ކުރައްވާފައެވެ. ވިދާޅުވީ އޭނާއަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ގޮތުގައި އޭސީސީގެ ފުރަތަމަ ތަހުގީގު ނިމުނުއިރު ނިންމެވުމަކީ ފްލެޓް ދޫކުރުމުގެ ކަންކަން ނުވަތަ އިވެލުއޭޝަން ރަނގަޅަސް ގޮސްފައި އޮތުން ކަމަށެވެ. އެނިންމުން ބަދަލުވީ ސަރުކާރުން އަންގައިގެން ކަމަށް ތުހުމަތު ކުރެއްވިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ތުހުމަތު ކުރައްވާ ގޮތުގައި ފްލެޓްތަކުގެ ކަންކަން އެދަނީ ސަރުކާރުން މަޖިލިސް އިންތިޚާބަށް ބޭނުންކުރާ ވަޞީލަތަކަށް ބަދަލުވެގެން ކަމަށެވެ. މަޖިލިސް އިންތިޚާބާ ދިމާކޮށް ވަކިބަޔަކަށް ފްލެޓްތައް ދޭން އުޅޭކަމަސް އޭނާ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެފަދަ ހުރިހާ ތުހުމަތެއް ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދޮގުކުރައްވާފައެވެ. ވިދާޅުވީ އެއްވެސް ރައްޔިތެއްގެ އެއްވެސް ބާވަތެއްގެ ހައްގަކަށް އަރާވަޑައިނުގަންނަވާނެ ކަމަށެވެ. ފްލެޓްތަކުގެ ވާހަކަ ވަކިން ފާހަގަވެސް ކުރެއްވިއެވެ.

އޭސީސީ ތަހުގީގަށްފަހު ޢާއްމުކުރެއްވި ގޮތުން ޝަރުތު ހަމަވާކަމަށް މިދިޔަ ސަރުކާރުން ގެޒެޓްކުރި ލިސްޓުގައި ހަގީގަތުގައިެވސް ޝަރުތު ހަމަވަނީ %40 ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބުދުالله ގޮވާލެއްވީ އެފަރާތްތަކަށް އަވަހަށް ފްލެޓްތައް ދިނުމަށެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފައިވަނީ ލިސްޓާމެދު ގޮތެއް ނިންމަވާތާ 3 ދުވަސް ތެރޭގައި އެއްބަސްވުން ތަކުގައި ސޮއިކުރަން ފެށޭނެ ކަމަށެވެ. މިދިޔަ ސަރުކާރު ނިމުނުއިރު ބައެއް ފަރާތްތަކުން ވަނި އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. އެއެއްބަސްވުން ތަކާމެދު އަމަލުކުރައްވާނެ ގޮތެއް މިސަރުކާރުން ނުބުނެއެވެ. ނަމަވެސް މިމަހުން ފެށިގެން ފްލެޓްތައް މުޅިން ނިމެމުންދާނެ ކަމުގެ ޔަގީންކަން ފަހިދިރިއުޅުން ކޯޕަރޭޝަނުން ވަނީ ދީފައެވެ.

ސަރުކާރުން އަދި މިހާތަނަށްވެސް ފްލެޓް ލިސްޓާމެދު އަމަލުކުރާނެ ގޮތެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ކުރީ ސަރުކާރުން ގެޒެޓްކުރި ލިސްޓާ އެއްގޮތަށް ފްލެޓް ދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްްމަދު މުއިއްޒު ވަނީ މީގެކުރިން ތަކުރާރުކޮށް ދެއްވާފައެވެ. އޭސީސީން އެކަން ތަހުގީގު ކުރަމުން ދަނިކޮށްވެސް އެޔަގީންކަން ދެއްވިއެވެ. ނަމަވެސް އެނިންމުމާ އެއްގޮތަށް އަމަލުކުރަން ހައުސިންގ މިނިސްޓްރީން ތައްޔާރު ނޫންކަން ދިގުލައިގެންދާ ދިއުމުން ހާމަވެއެވެ.

އިދިކޮޅު އެމްޑީޕީން ސާފްކޮށް ބުނަމުން ދަނީ މިދިޔަ ސަރުކާރުން ގެޒެޓްކުރި ލިސްޓްގައިވާ ފަރާތްތަކަސް ފްލެޓް ކަށަވަރުކޮށްދިނުމަށް ދާން ޖެހުނު ކޮންމެ ހިސާބަކަށް ދާނެ ކަމަށެވެ. އެއީ ކޯޓް މަރުހަލާ ނަމަ އެމަރުހަލާއަށް ދާނެކަމަށްވެސް ތަކުރާރުކޮސް ދަނީ ބުނަމުންނެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްވެސް ވަނި އެޔަގީންކަން ދެއްވާފައެވެ. މިގެއިތުރުން ގޯތި ދިނުން ލާޒިމްކުރުމަށް ގާނޫނީ ގޮތުން ގެންގަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްވެސް އެމްޑީޕީން ދަނީ ކުރަމުންނެވެ.