ޚަބަރުރިޕޯޓް

ޗައިނާއިން ދެކުނު އިރުމަތީ އޭޝިޔާ ފަތަހަކުރުމުގެ ރޭލުދަތުރު

March 28, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ޗައިނާ

ޗައިނާގެ މަދަދުވެރިކަމާއެކު އުމްރާނީ ތަރައްގީ ކުރިއެރުވުމުގައި ދެކުނު އިރުމަތީ އޭޝިޔާ ހާއްސަގޮތެއްގައި ފާހަގަކުރެވެއެވެ. ޗައިނާގެ އެހީތެރިކަމާއެކު ހިންގާ ބޮޑެތި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު އަމާޒަކީ ޗައިނާއިން އުންމީދުކުރާގޮތުގައި، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، ހުޅަނގު ދެކުނު ޗައިނާއިން ފެށިގެން ސިންގަޕޫރާ ހަމައަށް ގާއިމްކުރެވޭ 2000 މޭލުގެ ދިގު ރާސްތާގެ ރޭލުދަތުރެކެވެ. މި ދަތުރުގެ ދިގުމިނުގައި 30 ގަޑިއެއްޙާއިރު ވާނެކަމަށް ބެލެވެއެވެ. solexsolex

މި މަޝްރޫއުގެ ދަށުން، 2021 ވަނައަހަރު ވަނީ ލާއޯސް-ޗައިނާ ރޭލުދަތުރު ދަތުރުވެރިންނަށް ހުޅުވާލާފައެވެ. 10 ގަޑިއިރަށް ދެމިގެންދާ، 1000 ކިލޯމީޓަރުގެ ދިގު ރާސްތާއެއް ކަޑައްތުކޮށް ކުރާ މި ރޭލުދަތުރުން، ޗައިނާގެ ކުންމިން އާއި ލާއޯސްގެ ވެރިރަށް ވިއެންޓިއެންއާ ވަނީ ގުޅުވާލެވި، ފަތުރުވެރިންނާއި ވިޔަފާރިތަކަށް ބޮޑު ފަސޭހައެއް ފޯރުކޮއްދީފައެވެ.

ހަމަ މިއާއެކު، ޗައިނާގެ އެހީގައި އިރުމަތީ އޭޝިޔާގެ ފުރަތަމަ ބުލެޓް ޓްރެއިން (ވަޒަން ރޭލު) އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާއާއި އެ ގައުމުގެ ހުޅަނުގު ސަރަހައްދުގައި އޮންނަ ބަންޑުން ވަނީ ގުޅުވާލާފައެވެ.

ތައިލެންޑުގައިވެސް މިފަދަ ދެވަނަ ހައި ސްޕީޑު ޕްރޮޖެކްޓެއް ދަނީ ހިނގަމުންނެވެ. މި މަޝްރޫއުގެ ދަށުން، ތައިލެންޑުގެ ބެންކޮކާއި ލާއޮސް-ޗައިނާ ރޭލު މަގާ ގުޅުވާލެވޭނެއެވެ. އެހެނަސް، މި މަޝްރޫއު ޑިލޭވެ، ޚަރަދުބޮޑުވުމުގެ މައްސަލާގައި ތައިލެންޑު ސަރުކާރު ވަނީ ހޫނުފެނަށް ވެއްޓިފައެވެ.

މި ރޭލު މަގު ނިމުމުން ދެން އަމާޒަކަށް ވާނީ ބެންކޮކުން މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރު ކަޑައްތުކޮށް، ސިންގަޕޫރާ ހަމައަށް ރޮނގު ދަމާލުމެވެ.

ޗައިނާއިން ދެކުނު އިރުމަތީ އޭޝިޔާއަށް މި އަޅާ ރޭލުމަގުގައި ޗައިނާގެ ހިކުމަތްތަކެއް އެބަހުއްޓެވެ. ޗައިނާގެ ރައްޔިތުންނަށް ފަސޭހައިން މި ރޭލުމަގު މެދުވެރިކޮށް، ލާއޯސްގެ ފައްޅިތަކަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ތައިލެންޑުގެ ރީތި ގޮނޑުދޮށްތަކާއި މެލޭޝިޔާގެ ބޯ ޖަންގަލިތަކަށް ވަނުމުގެ މަގުވެސް ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތަކާ ޗައިނާއާ ސަގާފީ ތާރީހީ ގުޅުން ބޮޑެވެ. މިއިން ކޮންމެ ގައުމެއްގައި ޗައިނާ މީހުންގެ ހެޔޮވަރު އާބާދީއެއް އޮވެއެވެ. ފަތުރުވެރިކަމުގެ އިތުރުން، މުދާ އެއްގައުމުން އަނެއްގައުމަށް ބޭރުކުރުމުގައިވެސް މި ރޭލުމަގު މުހިންމު ދައުރެއް އަދާކުރާނެއެވެ. ޚާއްސަކޮށް ޗައިނާގެ މުދާ މިގައުމުތަކަށް ފަސޭހައިން، ޚަރަދުކުޑަކޮށް ފޯރުވުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިންގެ ވެރިކަމާއެކު އިފްތިތާހުކުރެވުނު ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން، އެތައް ބިލިއަން ޑޮލަރުގެ ކަނޑުފާލަމާއި، އުސްމަގާއި، ވިޔަފާރިބަނދަރާއި، ވައިގެ ބަނދަރާއި އިންޖީނުގެއާއި މުއާސަލާތީ ނެޓްވޯގު ގާއިމުކުރެވެނީ، ޗައިނާގެ ޒަމާންވީ ސިލްކުރޯޑު (ފަށުއި މަގު) އަލުން އިއާދަކުރުމުގެ ވިސްނުމާއެކުގައެވެ.

މި ގާއިމިކުރެވޭ ވަރުގަދަ ވިއުގައިގެ ފައިދާއެކޭ އެއްފަދައިން، މި މަޝްރޫއުތަކާމެދު ޝައްކާ ވަހުމުގެ ނަޒަރުން ދެކޭބަޔަކުވެސް އުޅެއެވެ. އެބައިމީހުން ގަބޫލުކުރާގޮތުގައި މީގައި ޗައިނާގެ ބޭނުމަކީ ދެކުނުއިރުމަތީ އޭޝިޔާގެ ގައުމުތަކަށް ޗައިނާގެ ނުފޫޒު ފޯރުވުމެވެ. މިގޮތުން، މި މަޝްރޫއުތަކަކީ ޗައިނާއިން ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކެއްކަމުން، މި ގައުމުތަށް، ކުރިއަށްއޮތްތާނގައި ދަރަނީގެ ދަންތުރައެއްގައި ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ.