ޚަބަރުރިޕޯޓް

ގޭންގުތައް ހަވާސާއިން ނެއްޓި މައިގަނޑަށް – ކުށުގެ މުޖުތަމައަކަށް ޖީލުތައް ހަލާކަށް

April 10, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ގޭންގް

2010 ވަނަ އަހަރު ރާއްޖޭގައި ތައާރަފްކުރެވުނު ގޭންގު ކުށްތައް މަނާކުރުމާބެހޭ ގާނޫނުގެ ބޭނުމަކަށްވީ ރާއްޖޭގައި ގޭންގުތައް އުފެއްދުމާއި، ހިންގުމާއި، ގޭންގު ހަދައިގެން އެކި ކުށްކުރުން މަނާކުރުމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމެވެ. މި ގާނޫނުގެ ދަށުން، ޣައިރުގާނޫނީ އަމަލުތައް ހިންގުމަށްޓަކައި ގޭންގު އުފެއްދުމާއި ގޭންގު ހިންގުމާއި ގޭންގުގެ މެމްބަރަކަށް ވުމަކީ ކުށެކެވެ. solexsolex

މީގެ އިތުރުން، ވަކި ސަރަހައްދުތަކަކަށް ނިސްބަތްވާގޮތަށް ގޭންގު އުފެއްދުމާއި، ގޭންގުގެ ނަމާ ލޯގޯފަދަ ތަކެތި ނިސްބަތްވާނޭހެން ވިޔަފާރި ނަމާއި ޖަމްއިއްޔާ ޖަމާއަތް ކުންފުނިތަކަށް ނަން ކިޔުމަކީވެސް މި ގާނޫނުގެ ދަށުން ކުށެކެވެ. ގޭންގު ކުށްތައް މަނާކުރުމުގެ ގާނޫނު ފުރިހަމަވެފައި ކިތަންމެހާވެސް ރަނގަޅެވެ. އެހެނަސް، އެ ގާނޫނަކީ، ބޭނުމެއްނެތް، ބާރެއްނެތް ގާނޫނަކަށްވަނީ ވެފައެވެ.

މި ގާނޫނު ވުޖޫދަށް އައީ، ގޭންގުތައް ހަވާސާއިން މައިގަނޑަށް ބަދަލުވަމުންދާކަމުގެ ބިރުވެރިކަމާއެކެއެވެ. އެއީ އޭރުވެސް، ބައެއް ގޭންގުތަކުގެ ނަމުގައި، ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވުމާއި ޖަމިއްޔާ ޖަމާއަތް ހެދުމުގެ ރޫހުއޮތީ ފެށިފައެވެ. މާލޭގައި، 90ގެ ފަހުކޮޅު ބާއްވަންވެށި ބައިބަލާ މުބާރާތްތަކަކީ ޚާއްސަގޮތެއްގައި، މާލޭގައި ހިނގަމުންދިޔަ ގޭންގުތަކުން ކުޅިވަރު މުބާރާތްތަކުގައި ރަސްމީކޮށް ބައިވެރިވުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. މި މުބާރާތްތަކާއެކު، ގޭންގުތަކަށް ސްޕޮންސަރޝިޕާއި ފައިސާގެ އެހީ ހޯދޭނެ މަގު ތަނަވަސްވިއެވެ. އަދި ގޭންގު ލީޑަރުން މީޑިއާތަކުގައި ޕްރޮމޯޓްކޮށް، އިޝްތިހާރު ކުޅުންފަދަ ފުރުސަތުތަކަށް ހުޅުވާލެވިގެންދިޔައެވެ. ގޭންގުތަކަށް ރަސްމީ ސިފަ އަންނަންފެށިއެވެ. ގޭންގުތަށް ރަޖިސްޓްރީވެ، މައިގަނޑު ކުޅިވަރުތައް ކަމުގައިވާ ފުޓްބޯޅަ، ބާސްކެޓް، ވޮލީފަދަ ގައުމީ މުބާރާތްތަކުން ފެންނަންފެށިއެވެ. ގޭންގުތަކުގެ ގޮތް ކެނޑި، ކްލަބުތަކަށް ނުވަތަ ކުންފުނިތަކަށް ބަދަލުވިކަމުގައިވިޔަސް، އަސްލަކީ، މިއީ މާލޭގައި އެކި ސަރަހައްދުތަކުގައި ޖިނާއީ ކުށްތަކަށް އަރައިގަތުމުގައި ހަރަކާތްތެރިވީ ގޭންގުތަކެއްކަމެވެ.

2004 ން ފެށިގެން ރާއްޖޭގައި އުފެދިގެންދިޔަ ސިޔާސީ އުދާސްގަނޑާއެކު، ސިޔާސީ ދާއިރާގައިވެސް ގޭންގުތަކަށް ފުރުސަތުތައް ހުޅުވިގެން ދިޔައެވެ. މިގޮތުން، ސިޔާސީ ދެކޮޅުންވެސް، ގޭންގުތަކުގެ އެހީތެރިކަން ހޯދިއެވެ. އިދިކޮޅު މުޒާހަރާތަކާ އެއްވުންތަކުގައި ގޭންގުތަކުން ހަރަކާތްތެރިވިއެވެ. އަދި އެ މުޒާހަރާތަކާ ދެކޮޅަށް، ސަރުކާރުގެ ފަރާތުންވެސް ގޭންގުތަކުގެ އެހީތެރިކަން ހޯދިއެވެ. ގޭންގުތަކާއި، ސިޔާސީ ޕާޓީތައް އަދި ސިޔާސީ ލީޑަރުން ވަރުގަދަ ގުޅުމަކުން ބަނދެވުނެވެ. ސިޔާސީ ކަންކަމުގައި ގަޓުހުރެ ނިކުންނަންފެށީ ގޭންގުތަކަށް ނިސްބަތްވާ ފަރާތްތަކެވެ. މި ފޯރިގަނޑުގައި، ގޭންގުތަކަށް ނިސްބަތްވާ ގިނަ ބަޔަކަށް ފުލުހުންނާއި ސިފައިންގެ ވަޒީފާދީ، އިދިކޮޅު މުޒާހަރާ ކޮންޓްރޯލްކުރުމުގައި ބޭނުންހިފިއެވެ. 2008 ރިޔާސީ އިންތިހާބު ބޯމަތިވިއިރު، އެކިއެކި ސިޔާސީ ފިކުރުތަކާއި ގޭންގުތައް އޮތީ ގުޅި ލާމެހިފައެވެ. ގޭންގުތަކަކީ ސިޔާސީ ހަރަކާތުގެ މުހިންމު ބައިވެރިއަކަށް ވެއްޖެއެވެ. ގޭންގުތަކަކީ، ސިޔާސީ ހަރަކާތްތައް ހިންގާލައި، ކެމްޕޭނު ހިންގުމުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އަދި ގޭންގުތަކުގެ މެމްބަރުންނަކީވެސް ވޯޓުލެވޭ ބަޔަކަށްވެފައި، އެ ގޭންގުތަކުގެ މެމްބަރުންގެ އާއިލާވެސް ގިނަފަހަރަށް ކޮންޓްރޯލްކުރަނީ އެ މީހުންނެވެ.

މިއަދު، ގޭންގުތަކަކީ، މުޖުތަމައުގެ ހަވާސާއެއްނޫނެވެ. ހަވާސާއިން ނެއްޓި، މިއަދު މިވަނީ މައިގަނޑަށް ނުވަތަ މެއިންސްޓްރީމަށް ބަދަލުވެފައެވެ. ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ކްލަބްތަކާއި، ރަށްފުށުގެ ގިނަ ޖަމިއްޔާތަކަކީވެސް، ގޭންގުތަށް ލެޖިޓިމައިޒްކުރުމަށް ހެދިފައިވާ ޖަމިއްޔާތަކެކެވެ. ސިޔާސީ ހަރަކާތްތެރިންނަށް ބަލާލިއަސް، އޭރުގެ ގޭންގު ލީޑަރުން މިއަދު ވެފައިވަނީ ސިޔާސީ ޕާޓީތަކުގެ އެންމެ ހަރަކާތްތެރި ލީޑަރުންނަށެވެ. ގިނަ ސިޔާސީ ޕާޓީތަށް މިއަދު އޮތީ ކިލަނބުވެފައެވެ. ކުޅިވަރުގެ މައިދާން އޮތީ ކިލަނބުވެފައެވެ.

މީގެ އެންމެ ހިތި ނަތީޖާއަކީ، އަންނަން އޮތް ޖީލުތަކަށް ރަނގަޅު ރޯލު މޮޑެލުން ނެތްކަމެވެ. މުޖުތަމައުގައި މުހިންމު މަގާމުތަކުގައި ތިބީ، ތައުލީމާ ރަނގަޅު ހުލްގުހުރި ޒުވާނުންނަށްވުރެ ބޮޑަށް، ކުށުގެ ވެށިން ނާޖާއިޒު މުއްސަނދިކަމާއި ބާރާއި މަގުބޫލުކަން ހޯދައިގެންތިބި ފަރާތްތަކެވެ. މުޖުތަމައުގައި ގަދަރާ މަގާމު އޮތީ އެފަދަ ފަރާތްތަކަށެވެ.

މިއަދުގެ ޒުވާން ޖީލުގެ ރޯލު މޮޑެލުންނަށް ވެފައިވަނީ މާލެތެރޭގައާއި ރަށްފުރުގެ ލެވެލްގައި ހަރަކާތްތެރިވާ ގޭންގުތަކެވެ. ޒުވާންފުރައިގެ ކުދިންގެ ދެމެދުގައި ދެކެވޭ ވާހަކައަކީ މިއެވެ. މީގެ ގެއްލުން ކިތަންމެހާވެސް ބޮޑެވެ. މިކަމުން އަރައިގަތުމަށްޓަކައި، ގޭންގު ކުށްތަކާބެހޭ ގާނޫނަށް އަލުން އެއްފަހަރު ބަލައިލައި، ގާނޫނު ތަންފީޒުކުރުމާމެދު ވިސްނައިލަންޖެހެއެވެ. ނަމުގައި ގާނޫނެއް ހެދިއަސް ވާނެ ފައިދާއެއް ނޯންނާނެއެވެ.