ޚަބަރުރިޕޯޓް

ދެ ރައީސުންގެ ފާޑުކިއުންތަކާއި ދިފާއީ ނުކުތާތަކަށްފަހު ރައްޔިތުން ގޮތް ނިންމުން މާދަމާ!

April 20, 2024

Share this story

މާދަމާ އަކީ ބޮޑު ދުވަހެކެވެ. ގައުމުގެ މުސްތަގްބަލާ ގުޅޭ ބޮޑު ނިންމުމެއް ރައްޔިތުން ނިންމާނެއެވެ. ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ މެޖޯރިޓީ ރައްޔިތުން ދޭނީ ކޮންބަޔަކަށްކަން ނިންމާނެއެވެ, ނުވަތަ މެޖޯރިޓީ އެއްވެސް ބަޔަކަށް ނުދިނުމަކީވެސް ރައްޔިތުންގެ ނިންމުމަކަށް ވެދާނެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލިހަށް މެމްބަރުން އިންތިޚާބުކުރުމުގެ ވަގުތު ޖެހުނީއެވެ. 93 ދާއިރާއަށް ރައްޔިތުން އެމީހުންގެ މަންދޫބުން މާދަމާ އިންތިޚާބު ކުރާނެއެވެ.solexsolex

މިދިޔަ ދެމަހެއްހާ ދުވަހު އެންމެބޮޑު ހަނގުރާމައެއް ކުރީ ސަރުކާރާއި އިދިކޮޅު މައިޕާޓީ އެމްޑީޕީންނެވެ. ޚާއްޞަކޮށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބޮޑަތި ފާޑުކިއުންތއް އަމާޒުކުރެއްވިއެވެ. އެފާޑުކިއުންތަކުން ދިފާއުވުމަށްވެސް ހަމަ ކޮންމެ ދުވަހަކު, ކޮންމެ ރެއަކު މަސައްކަތް ކުރެއްވިއެވެ. އެއީ ސިޔާސީ ދެފިކުރުގެ މެދުގައި އޮތް ފާޑުކިއުންތަކާއި, ދިފާއެވެ.

ސަރުކާރުން މަސައްކަތް ކުރަނީ ދިވެހީންގެ ރާއްޖެއެއް ހޯދާށެވެ. ނުވަތަ ހޯދައިދޭށެވެ. އެމްޑީޕީން މަސައްކަތް ކުރަނީ މިސްރާބު ހަމަމަގަށް އަޅުވާށެވެ. އެއީ މިސަރުކާރުގެ މިސްރާބު ބޮޑުތަނުން ގޯސްކަމަށް ބުނަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ ވަރަށްގިނަ, ބޮޑަތި ވައުދުތަކަކާއެކުއެވެ. އެވައުދުތައް ހުރީ ފޮތެއްގައި ލިޔެ ޝާއިއުކޮށްފައެވެ. ޗާޕްކޮށް ބަހައިފިއެވެ. އެކަމަކު މިހާރު ވިދާޅުވަނީ އެވައުދުތައް ފުއްދޭނީ ރައްޔިތުންގެ މަޖިލިސް ސަރުކާރަށް ލިބިގެން ކަމަށެވެ. ވައުދު ފުއްދަން ސަރުކާރު ހަވާލުކުރުމަށްފަހު, މަޖިލިސް އިދިކޮޅަށް ދިނުމުން ދެކޮޅު ނުޖެހޭ ކަމަށެވެ. އިދކޮޅުން ސަރުކާރަށް ދަތިކޮށް, އުނދަގޫ ކުރާނެ ކަމުގެ ތުހުމަތު ތަކާއެކުއެވެ. ސަރުކާރަށް އޮތް ތާއީދު އިތުުރުވެދާނެ އެއްވެސް ކަމަކަށް އިދިކޮޅުން ޖާގަ ނުދީ ހުރަސްއަޅާނެ ކަމުގެ ތުހުތަމާ އެކުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވަނީ މަޖިލިހުގެ 93 ދާއިރާ ސަރުކާރަށް ދީފިނަމަ ރައްޔިތުން އެދޭ ތަރައްޤީ ބާރު ސްޕީޑްގައި ގެނެސްދެއްވާނެ ކަމަށެވެ. މާލޭގެ ރައްޔިތުންނާ މުހާތަބުކޮށް ވިދާޅުވީ މާލޭގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް ދީފިނަމަ ގެދޮރުގެ މައްސަލަ މުޅިން ހައްލުކޮށްދެއްވާނެ ކަމަށެވެ. އައްޑޫ ސިޓީގެ ރައްޔިތުންނާ މުހާތަބުކުރައްވާ ވިދާޅުވީ އެއްބަޔަކަށް ގޮނޑިތައް ދީގެން އެސިޓީ ތަރައްޤީ ނުވި ކަމަށެވެ. މިސަރުކާރަށް ހުރިހާ ގޮނޑިއެއް ދީފިނަމަ އައްޑޫ މުޅިން ބަދަލުކޮށްލާނެ ކަމުގެ ވައުދު ތަކުރާރު ކުރެއްވިއެވެ. ރައީސް ވިދާޅުވަނީ އިދިކޮޅަށް މަޖިލިހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ވިޕްލައިން ތަކުން ސަރުކާރުގެ ތަރައްޤީ ހުއްޓުވާނެ ކަމަށެވެ. ކޮންމެ ވޯޓެއްގެ ކުރިން ނެރޭ ވިޕްލައިން ވާނީ ސަރުކާރުން ގެންނަ ތަރައްޤީއަށް ހުރަސް އަޅާނެ ވިޕްލައިނަކަށް ކަމަށާއި, މިހާރުވެސް މަޖިލިހުން ފެންނަނީ އެމަންޒަރު ކަމަށް ވިދާޅުވިއެވެ.

އެޕާޓީގެ ވިޕްލައިނަކަށް ވެދާނެ މިހާރުވެސް އަޅުގަނޑުމެން ހުށަހަޅާފަ ވާނެ ގެދޮރުވެރިކަމަސް ވަރަށް މުހިއްމު ބިލްތައް. ވޯޓަށް އަހާ ދުވަހު ސަރުކާރަށް ހުރަސް އަޅަންވެގެން އެކަން ކޮށްފިއްޔާ އެމައްސަލަ ރާއްޖޭގައި ދާއިމީކޮށް ހައްލުވާނެތީ, މިސަރުކާރަށް އިތުރަށް ތާއީދު ބޮޑުވެދާނެތީ އެޕާޓީން ނިންމާނީ ވޯޓް ނުދޭށޭ. މިހާރުވެސް ކަންކުރާގޮތް ނޫންތޯ މިއީ.

އެކަމަކު ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހީމް މުޙައްމަދު ޞާލިހުގެ ވާހަކަ މުޅިން ތަފާތެވެ. ވިދާޅުވީ މިސަރުކާރު އައިސް ތަރައްޤީ ހުއްޓާލައިފި ކަމަށެވެ. ރަށްރަށުގައި ހުރި ހައިމާކްތައް ހުއްޓިއްޖެ ކަމަށެވެ. މިދިޔަ ސަރުކާރުން ދިން ގޮއްޗާއި ފްލެޓްތައް އަތުލާނެ ކަމަށެވެ. އަދި މިސަރުކާރު ބޭނުންވާ ބަޔަކަށް ލިބޭ ގޮތަށް ލިސްޓްތައް އޮޅާލާނެ ކަމަށެވެ. ކޮންމެ ދުވަހަކުވެސް މިސަރުކާރުން ހަދަނީ ދޮގުކަމަށް ޞާލިހު ވިދާޅުވިއެވެ. ޚާއްޞަކޮށް ރައީސް މުއިއްޒު ހޭލާ ހުންނަވާވެސް, ނިދިކުރައްވާވެސް ދޮގުހައްދަވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި އިތުރަށް ފުރުޞަތު ދީފިނަމަ ދެންވެސް ހައްދަވާނީ ދޮގު ކަމަށާއި, ވެރިކަމަށް އައީވެސް ދޮގު ވިއްކައިގެން ކަމަށް ތަކުރާރުކޮށް ރައީސް ޞާލިހު ގެންދަނީ ވިދާޅުވަމުންނެވެ.

މީގެއިތުރުން ރާއްޖޭގެ ބިން ވިއްކާލައިފި ކަމަށާއި, މާލޭގެ ރައްޔިތުން ގަދަކަމުން ގިރާވަރުފަޅަށް ގެންދަން އުޅޭ ކަމަށްވެސް ވިދާޅުވިއެވެ. މިއީ ޤާނޫނަށް ބޯނުލަނބާ ސަރުކާރެއް ކަމަށާއި, މިހާރުވެސް ސަރުކާރަށް ބޭނުންހާ ކަމެއް ނުކުރެވެނީ އެމްޑީޕީގެ މެޖޯރިޓީއެއް މަޖިލިހުގައި އޮތުމުން ކަމަށް ވިދާޅުވިއެވެ. އެމެޖޯރިޓީ ސަރުކާރަށް ފުރޮޅިއްޖެނަމަ މިރާއްޖެ ދެން އަތުނުވާނެ ކަމުގެ ވާހަކަތައް އެމްޑީޕީން ގެންދަވަނީ ދައްކަމުންނެވެ. ރައީސް ޞާލިހު ވިދާޅުވަނީ ހަމަޖެހިގެން ގޭގައި އާއިލާއާއެކު ހުންނެވެން އޮވެމެ, ނިކުންނެވީ މިރާއްޖެ މިދާ މިސްރާބުގެ ސަބަބުން ކަމަށެވެ.

އެހެން އެއްވެސް ސަބަބެއް ނެތް އަޅުގަނޑު މިކެމްޕެއިންގައި ނިކުމެ މިހާ ބުރަކޮށް މަސައްކަތް ކުރަން ޖެހުނު. އަޅުގަނޑުމެން ވިސްނުމެއް ނެތި މިއިންތިޚާބުގެ ވޯޓްލައިފިއްޔާ ފުރޮޅިގެން ދާގޮތަކުން އަޅުގަނޑުމެން ހީނުކުރާ ވަރުގެ, ހީނުކުރާވަރުގެ ދައްޗާ އުނދަގޫ އަޅުގަނޑުމެންނާ ކުރިމަތިލާނެ

މިހުރިހާ ވާހަކަތަކާއެކު ދެ ރައީސުންވެސް ވިދާޅުވަނީ އިންތިޚާބު ކާމިޔާބުވާނެ ކަމަށެވެ. ރައްޔިތުން މެޖޯރިޓީ ދެއްވާނެ ކަމަށެވެ. އެކަމަކު ހަމަޔަގީނުންވެސް ދެޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެއެވެ. ވާދަވެރި ދެފިކުރުގެ ތެރެއަށް ރައީސް ޔާމީންގެ ޕީއެންއެފްއާއި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްވަނީ ވަދެފައެވެ. ކުރީގެ ރައީސް ޔާމީންގެ ފާޑުވިދާޅުވުން ބޮޑީ ރައީސް މުއިއްޒާއި ސަރުކާރަށެވެ. އެމަނިކުފާނުގެ ތާއީދާއެކު އަމިއްލަ ގޮތުން ކެންޑިޑޭޓުން ވާދަކުރައްވައެވެ. ޕީއެންއެފްގެ ލީޑަރޝިޕުން ތަކުރާރުކޮށް ގޮވާލަމުން ގެންދަނީ ރައީސް މުއިއްޒު ނޫން ގޮތެއް ރައްޔިތުން ހޯދައިދިނުމަށެވެ. ރައީސް މުއިއްޒުއަކީ ދޮގު ހައްދަވާ ބޭފުޅެއްކަމަށް ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ރެއާ ހަމައަށްވެސް މަޖިލިސް ތެރެއިން މަސައްކަތް ކުރައްވަމުން އައީ އެކުގައެވެ. އަދި އެމްޑީޕީއަށް މާބޮޑު ފާޑުކިއުންތަކެއް އަމާޒެއް ނުކުރެއެވެ. އޭގެ ބަދަލުގައި ބޮޑަށް ފާޑުކިއުން އަމާޒުކުރައްވަމުން އައީ ސަރުކާރާއި ރައީސް ޑރ.މުއިއްޒު އަށެވެ. ނަމަވެސް އެޕާޓީގެ ހަގީގީ ލީޑަރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސިޔާސީ ކަންކަމާ ދުރުގައި ދުވަސްކޮޅަކު ރާއްޖެއިން ބެރުގައި ހުންނެވުމަށްފަހު އެނބުރި ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ފާޑުކިއުން އޮއްސާލީ އެމްޑީޕީ އަށެވެ. ސާފްކޮށް ވިދާޅުވީ އެމްޑީޕީއަށް ވޯޓްދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މިހުރިހާ ކަންކަމާއެކު މާދަމާ ރައްޔިތުންނަށް އޮތީ ގޮތް ނިންމުމެވެ. ސަރުކާރަށް މެޖޯރިޓީ ދޭނީ ތޯއެވެ. ނުވަތަ ސަރުކާރުގެ މިސްރާބު ގޯސްކަމަށް ދެކި އެމްޑީޕީއަށް މެޖޯރިޓީ ދޭނީ ތޯއެވެ. ނުވަތަ އިދިކޮޅު ފަރާތްތައް ހިމެނޭ ގޮތަށް މެޖޯރިޓީ ދޫކޮށްލާނީތޯއެވެ. އެއްވެސް ބަޔަކަސް މެޖޯރިޓީ ނުދީ ހިފެހެއްޓުމުގެ ބާރުވެސް ރައްޔިތުންނަށް އެބައޮތެވެ. ގޮތް ނިންމަން ގިނަ ވަގުތެއް ދެން ނެތެވެ.