ޚަބަރުސިއްހަތު

ރީނދުލާއި ގޯލްޑަންމިލްކްގެ ޖާދޫ! އަޖުމަ ބަލާލަމާ!

July 08, 2022

Share this story

ލިޔުނީ

އަށްޑުވަސް,

solexsolex

ބަދިގެއެއްގެ އެންމެ މުހިއްމު ރޯލެއްއަދާކުރާ އެއްބާވަތަކީ ރީނދޫ ކަމުގައި ހަމަގައިމުވެސް ވާނެއެވެ. ކެއްކުމުގައި ރަހަތައް ފުރިހަމަކޮށް ކުލަ ރީތިކޮށްލުމަށްވެސް އަހަރެމެން ރީނދޫ ބޭނުންކުރަމުއެވެ. އެކަމަކު އެއިން ސިއްހީ އެތައް ފައިދާއެއް ލިބިދޭކަން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟

ރީނދޫ ހިމަނައިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރަމުން އަންނަ އެތައް ފަރުވާއެއްވެއެވެ.

އިންޑިޔާގައި ނަމަ ހަލްދީދޫދް، ވެސްޓަން ނަމުންނަމަ ޓަރމެރިކް ލާޓޭ ނުވަތަ ގޯލްޑަން މިލްކްގެ ނަމުން މަޝްހޫރުވެފައިވާ މި ބުއިމުގެ މައިގަނޑު ބާވަތްތަކަކީ ރީނދުލާއި ކިރެވެ. ރަހަ ހެޔޮވަރުކޮށް ބެލެންސްކޮށްލުމަށް ފޮނިތޮއްޓާއި އިނގުރެވެ.

އިންޑިޔާގެ އެކި ހިސާބުތަކުގައި ބޭސްފަރުވާގެގޮތުގައި ބޭނުންކުރަމުން އަންނަތާ އެތައް ގަރުނެއްވީ މި ބުއިން ޚާއްސަވަނީ އަރިދަފުސްރޯގާ، އިންފްލެމޭޝަން، އާތުރައިޓިސް، ގައިގެރިހުންތަކާއި ނަފްސާނީ އުނދަގޫތަކާއި މިނޫންވެސް އެތައް ކަމެއްގެ ހައްލު ލިބގަތުމަށް ކާބަފައިން ބޭނުންކުރަމުން އަންނަ "މުޖައްރިބު ޖާދޫ" އަކަށްވާތީއެވެ.

ގޯލްޑަން މިލްކުން ލިބިދޭ ގިނަގުނަ ސިއްހީ ފައިދާތައް އެތައް ދިރާސާތަކުން ވަނީ ހާމަވެފައެވެ.މިގޮތުން އެމެރިކާގެ ޕަބްމެޑް ސެންޓްރަލް އިން ހަދާފައިވާ ދިރާސާއަކުން ހާމަވިގޮތުގައި އާދަވެ ދުވާލަކު 500މގ ރީނދޫ ބޭނުންކުރުމުން އާތްރައިޓިސްއަށް 50މގ ޑޮކްޓަރީބޭސް ބޭނުންކުރާ މީހުންނާ އެއްވަރަށް ފަރުވާ ލިބެއެވެ.

ޔުނިވަރސިޓީ އޮފް ނިއުކާސްލްގެ ޕްރޮފެސަރ އޮފް ނިއުޓްރިޝަން މަނޯހަރް ގާގް ވިދާޅުވަނީ ކާބޯތަކެތީގެ ތެރެއިން ހަށިގަނޑުގެ އިންފްލެމޭޝަންއަށް ރީނދުލަށްވުރެ މުހިއްމު ދައުރެއް އަދާކުރާ އެހެން އެއްވެސް އެއްޗެއް ނެތްކަމުގައެވެ. މޫޑާގުޅިފައިވާ ބަލިތަކަށް ފަރުވާލިބޭ އެއްޗެއްކަމުގައި ރީނދުލުގައި ހިމެނޭ އެންމެ މުހިންމު މާއްދާ ކަރކިޔުމިންގައި ވާކަމަށް ދިރާސާތަކުން އެނގެއެވެ.

މިގޮތުން "ޖަރނަލް އޮފް އެފެކްޓިވް ޑިސޯޑަރސް" ގައި ޕަބްލިޝްކޮށްފައިވާ ދިރާސާއެއްގައި ކަމާބެހޭ މާހިރުން ހާމަކޮށްފައިވާގޮތުގައި މޭޖަރި ޑިޕްރެޝަންއަށް ފަރުވާހޯދަމުންދިޔަ 56 ޕޭޝަންޓުން ބައިވެރިކޮށްގެން 8 ހަފްތާ ތެރޭގައި ހެދި މި ދިރާސާގައި ދުވާލަކު ދެއިރު 500މގ ރީނދޫ ދީގެން ނިކުތް ނަތީޖާއަކީ ނަފްސާނީ ބަލިތަކަށްދޭ " ޕްލެސީބޯ" ކިޔާ ބޭހަށްވުރެ ބޮޑަށް އިންސާނާގެ މޫޑާގުޅޭ އެތައްކަމެއް ރަނގަޅުކޮށްދިނުމަށް ރީނދޫ ކުރިހޯދާފައިވާކަމެވެ.

އާދަވެ ރީނދޫ ބޭނުންކުރާ ނަމަ މޫޑް ރަނގަޅުކޮށްދިނުމަށް އެހީވެދޭކަމަށް މިނޫންވެސް ގިނަ ދިރާސާތަކުން އެނގެއެވެ. އަދި ނިދާގަޑީގައި ގޯލްޑަންމިލްކް ބޭނުންކުރުމަކީވެސް މޫޑް ރަނގަޅު ކޮށްދޭ ކަމެެެކެވެ.

ރީނދޫގައި ހިމެނޭ އެންޓިއޮކްސިޑަންޓް މާއްދާގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ދުރުކޮށްދީ، ގިނަ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދޭކަމަށް ދިރާސާތަކުން ދައްކައެވެ. ކެންސަރާއި ހިތުގެބަލިތަކާއި،ބްލަޑްޝުގަރ ލެވެލް ދަށްކޮށްދިނުމަށްވެސް އެހީތެރިވެދިނުމުގެ އިތުރުން ހަޖަމުގެ މައްސަލަތަކާއި، މޭނުބައިކުރުން އަދި ހޮޑުލެވުންފަދަ ކަންކަމަށްވެސް މިއީ ކަށަވަރު ފަރުވާއެކެވެ.

ގޯލްޑަންމިލްކްގައި ހިމެނޭ އިނގުރާއި ފޮނިތޮށީގެ ސަބަބުން ހަނދާންވަރުގަދަ ކޮށްދީ، ޕަރކިންސަންސް ފަދަ ބަލިތަކުން ދިފާއުކޮށްދީ، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އެހީވެދެއެވެ.

އަދި މީގައި ހިމެނޭ އެންޓި ބެކްޓީރިއަލް، އެންޓިފަންގަލް އަދި އެންޓި ވައިރަލްގެ މާއްދާތަކުގެ ސަބަބުން އިންފެކްޝަންތަކާ ދުރުކޮށްދިނުމަށް އެހީއަކަށްވެއެވެ.

ހަމައެހެންމެ އިނގުރާއި ފޮނިތޮއްޓަކީ އަރިދަފުސް ރޯގާއަށާއި ދިފާއީބާރު ވަރުގަދަކުރުމަށްވެސްވެސް ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ބާވަތްތަކެވެ.އަދި ބަރުދަންލުއިކޮށްދޭ މާއްދާތައްވެސް ރީނދޫ،އިނގުރު،ފޮނިތޮށީގައި ހިމެނިގެންވެއެވެ.

އެހެންވީމާ ގޯލްޑަން މިލްކަކީ ނުބޮއެ ދޫކޮށްލާވަރު އެއްޗެއްނޫންދޯއެވެ!

މި މީރު ފައިދާހުރި ބުއިން ތައްޔާރު ކޮށްލާނެގޮތް:

ބޭނުންވާ ތަކެތި:

2/1 ޖޯޑު އާމަންޑް މިލްކް/ ކާށިކިރު ނުވަތަ ބޭނުން ވައްތަރެެއްގެ ކިރެއް

1 ސ.ސަމުސާ މުގުރި ރީނދޫ

1 ސ.ސަމުސާ ގާނާފައިހުރި އިނގުރު

2/1 ސ.ސަމުސާ މުގުރި ފޮނިތޮށި

1 ސ.ސަމުސާ މާމުއި

ކުޑަ އަސޭމިރުސްކޮޅެއް (ބޭނުންނަމަ)

ތައްޔާރުކުރާނެ ގޮތް:

ކުޑަ ތެއްޔެއްގައި މާމުއި ނޫން ހުރިހާ ބާވަތެއް އެއްކޮށްލާށެވެ.

ތެލި އުދާށެވެ.

ކައްކާނީ މެދުމިނެއްގައި ހުޅުގަނޑު ބަހައްޓައިގެންނެވެ.

ކެކިގަތުމުން ގިނިމަޑުކޮށްލާށެވެ.މަޑުގިނީގައި 5 މިނިޓްވަންދެން ކެއްކުމަށްފަހު ބާލާށެވެ.

ފުރާނާލުމަށްފަހު މާމުއި އެއްކޮށްލާށެވެ!

ހޫނުކޮށް ބޭނުންކޮށްލުން އެދެވިގެންވެއެވެ.ފަހުން ބޭނުންކޮށްލުމަށް ފްރިޖްގައި 3 ދުވަހުގެ މުއްދަތަކަށް ރައްކާކުރެވިދާނެއެވެ.

-މަޢުލޫމާތު: މެޑިކަލް ނިއުސް ޓުޑޭ،ޓީ އިންޑިޔާ.ކޯ.ޔޫކޭ