ޚަބަރުސިއްހަތު

ސިއްހަތަށް ރައްކާތެރި ވެއްޓަކީ އިންސާނީ ހައްގެއް!

July 29, 2022

Share this story

ލިޔުނީ

އަށްޑުވަސް,

solexsolex

ސާފު، ސިއްހަތަށްރައްކާތެރި އަދި ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ހައްގެއްކަމުގައި އދ އިން ކަނޑައަޅައިފިއެވެ. މި ނިންމުން ނިންމީ 28 ޖުލައި 2022 ގައި ބޭއްވުނު އދގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައެވެ.

އދގެ މެމްބަރު 193 ގައުމު ހިމެނޭ ހަމައެކަނި ފޯރަމް ކަމުގައިވާ އދ ގެ އާންމު މަޖިލީހުގެ މި ތާރީޚީ ނިންމުމަކީ ހަގީގީ ބަދަލުތަކެއް ގެނުވާނެ ނިންމުމެއްކަމަށް ބެލެވެއެވެ. މިއީ އދ ގެ 2030 ގެ އެޖެންޑާއަށް ވާސިލްވުމަށް މުހިންމު ނިންމުމެއްކަމުގައި ވެގެންދާނެއެވެ. ހަމަ މިއާއެކު ދުނިޔެ ތަހައްމަލްކުރަމުންދާ ބޮޑުތި މައްސަލަތައްކަމުގައިވާ، ތަޅާފޮޅުމާއި، ބަލިމަޑުކަމުގެ ކާރިސާއާއި، ދަރަނިބޮޑުވުމާއި، ތަކެތީގެ އަގުބޮޑުވުމާއި، ތިމާވެއްޓަށް ގެއްލުންދިނުމާއި، ތިމާވެށި ތަގައްޔަރުވުމާއި ތިމާވެއްޓަށް އަންނަ ބަދަލުވުންތަކުން އިންސާރީ ރައްކާތެރިކަމާއި ތަރައްގީއަށް ކުރިމަތިވާ ގޮންޖެހުންތަކަށް މީގެ އަސަރުކުރާނެކަމަށް ބެލެވެއެވެ.

އިންސާނީ އަދި ގުދުރަތީ ކާރިސާތަކުގެ ސަބަބުން އެތައްބަޔަކު ދިރިއުޅުމާ ހަނގުރާމަކުރަންޖެހިފައިވެއެވެ. 2020ގައި އެކަނިވެސް، ގުދުރަތީ ކާރިސާތަކުގެ ސަބަބުން 30 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރުނެތިގެން ދިޔައެވެ. ވައި ނުސާފުވުމުގެ ސަބަބުން އަހަރަކު 7 މިލިއަން މީހުން މަރުވާކަމަށް އަންދާޒާކުރެވެއެވެ. މެދުއިރުމައްޗާއި އުތުރު އެފްރިކާގައި ވާރޭވެހޭ މިންވަރު ދަށްވުމުގެ ސަބަބުން އެތައް މިލިއަންމީހުންނަށް ސާފު ފެންލިބުމުގައި ދަތިތަކާކުރިމަތިލާންޖެހެއެވެ.

ސާފު، ސިއްހަތަށް ރައްކާތެރި، ދެމެހެއްޓެނިވި ތިމާވެއްޓަކީ އިންސާނީ ދިރިތިބުމަށް ބޭނުންވާ އަސާސީ ބަހާއެކެވެ. އަދި މޫސުމީ ރައްކާތެރިކަމަކީ، ދަނޑުވެރިކަމާއި، ކާނާގެ ރައްކާތެރިކަމާއި، އިގްތިސާދީ ދުޅަހެޔޮކަމާއި އިންސާނީ ތަރައްގީއަށް ކޮންމެހެން ބޭނުންކަމެކެވެ. އަދި ރައްކާތެރި މާހައުލެއް ދެމެހެއްޓެނިވިގޮތެއްގައި ބަލަހައްޓައި، ރައްކާތެރިކޮށް، އާލާކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކުރުމަކީ، އެކަކުވެސް ބާކީނުވާނެގޮތުން ތަރައްގީ ގެނައުމަށް މުހިންމުކަމެކެވެ.

މި ނިންމުގެ ނަތީޖާއަކަށްވާނީ ކޮންކަމެއްހެއްޔެވެ؟ މި ނިންމުމާއެކު، ސިއްހަތަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް، ރައްކާތެރިކުރުމަކީ ދައުލަތްތަކަށް ލާޒިމު ކަމެކެވެ. މިއީ އަދުލުއިންސާފުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެއާއެކު، މިހައްގު ހޯދުމަށް ވަކާލާތުކޮށް، ހައްގު ގެއްލޭ ފަރާތްތަކުން ބަދަލު ހޯދުމަށް މަގުފަހިވެގެންދާނެކަމެކެވެ. މިއާއެކު، ދައުލަތްތަކާއި ވިޔަފާރިތަކުން ޖަވާބުދާރީވުން ބޮޑުކޮށް، ތިމާވެއްޓަށް ކުރާ ގެއްލުމަށް ޒިންމާދާރުވާން މަޖުބޫރުވާނެކަމެކެވެ.