ޚަބަރުދީން

ކީރިތި ރަސޫލާގެ ޙައްޖަތުލް ވަދާޢުގެ ޚުޠްބާ: އިންސާނީ ޙައްޤުތަކުގެ ބިންގާ

August 09, 2022

Share this story

ލިޔުނީ

އަށްޑުވަސް,

solexsolex

މި އަދަކީ ހިޖުރައިން 1443 އަހަރުގެ ޛުލް ޙިއްޖާ މަހުގެ 09 ވަނަ ދުވަހެވެ. ބަރަކާތްތެރި ޢަރަފާތު ދުވަހެވެ. އިސްލާމި ތާރީޚުގެ ތެރެއިން ހިޖްރައިން 10 ވަނަ އަހަރުގެ މި ދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. ކީތިރި މާތް ނަބިއްޔާ އެދުވަހު ދެއްވި ޚުޠުބާގެ ޒިކުރާ މިފަދަ ކޮށްމެ ޢަރަފާތު ދުވަހަކު އައު ވެގެން ދަނީ ސަބަބު ތަކެއް ނެތި އެއް ނޫނެވެ. އެ މަތިވެރި ޚުޠުބާ ހަމަ އެކަނި ޚާއްޞަވަނީ މުސްލިމުންނަށް އެކަންޏެއް ނޫނެވެ. މުޅި އިންސާނީ ތާރީޚުގައި އެ ޚުޠުބާ ވަނީ ބިންވަޅު ނެގިފައިފައެވެ. އިންސާނީ ކަރާމަތާއި މިނިވަންކަމާއި ހަމަހަމަ ކަމާއި ޢަދްލު އިންސާފުގެ މަތިވެރި ރުކުންތައް އެ ފަދަ ޞަރީޙަ ޢިބާރާތުން އިންސާނެއްގެ ދުލުން އޭގެ ކުރިން ބަޔާން ވެފައެއް ނުވެއެވެ.

ކީރިތި މާތް ނަބިއްޔާ މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވީ ނިކަމެތީ ކަމާއެކު ސިއްރިޔާތުގައެވެ. އެންމެ ދިހަ އަހަރުގެ ތެރޭގައި އެކަލޭގެފާނު ޙައްޖު ގެ އަޅުކަމަށް މައްކާ އަށް ވަޑައިގަތީ މުޅި ޢަރަބި ކަރައިގެ ވެރިކަމުގެ ޢިއްޒަތާ ޝަރަފާއެކުގައެވެ. އެބައިމީހުންގެ އިޙްތިރާމާއި ލޯބި މިލްކު ކުރައްވައިގެންނެވެ. އެދުވަހު އެކަލޭގެ ފާނުގެ މާތް އަޑުފުޅުން ޢަރަފާތު ބިމުގައި ދެއްވި މަތިވެރި ޚުޠުބާގެ މުހިއްމު ބައެއް ނުގުތާ މި ފާހަގަކުރަނީ ވަރަށް މުހިއްމު ސަބަބަކަށްޓަކައެވެ. އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޢައިރު މުސްލިމް ފަރާތްތައް މި ޙަޤީޤަތް އޮޅުވާލަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ހަމަ ހިލާ އެކަން ކާމިޔާބެއް ނުވާނެއެވެ.

މާތް ރަސްކަލާގެ ޙަޞްރަތުގައި ދީނަކީ ހަމަ އެކަނި އިސްލާމް ދީން ކަމަށާއި އެދީނާއި މެދު ﷲ ސުބްޙާނަހޫ ވަތަޢާލާ ރުއްސެވި ކަމުގެ މަތިވެރި ޚަބަރު މާތް ނަބިއްޔާ އުންމަތަށް ދެއްވިއެވެ. އިސްލާމް ދީންފިޔަވައި އެހެން ހުރިހާ ދީންތަކަކީ ބާޠިލު ދީންތަކެއް ކަން އިތުރަށް ކަށަވަރު ކޮށްދެއްވިއެވެ. އިސްލާމް ދީން ފުރިހަމަ ވެފައިވާ ކަމަށާއި އެކަލޭގެ ފާނުގެ ރިސާލަތު ފުރިހަމަ ކުރެއްވި ކަމުގެ މައްޗަށް މާތް ވެގެންވާ މި ޙައްޖު މަހާއި މާތްވެގެންވާ މި ޢަރަފާތު ދުވަހާއި މާތް ވެގެންވާ މައްކާ ގަންދެއްވައި، މާތް ﷲ ހެކި ކުރެއްވިއެވެ. އިސްލާމްދީން ފުރިހަމަވުމުގެ މާނައަކީ ދީނުގެ އަސްލުތަކާއި ޙުކުމްތައް އެދުވަހުން ފެށިގެން ސިއްކަ ޖެހުނު ކަމެވެ. އެކަލޭގެ ފާނުގެ މަސްއޫލިއްޔަތު އަދާކުރެއްވިއްޖެކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް މުޅި އުންމަތަށް ކަށަވަރު ކޮށްދެއްވިއެވެ. އެ ބައްދަލުވުމަކި އެކަލޭގެފާނު މި ފަނާވަނިވި ދުނިޔެ އާއި ވަކިވުމުގެ ވަދާޢީ "ފެއަރވެލް" ކަމުގައި ކަން ބުއްދި ހުރި ބަޔަކަށް ދޭހަވަ މިންވަރަށް ވިޅާވެ އިޝާރާތް ކުރެއްވި އެވެ. މުޅި އުންމަތް ޝާމިލުވާ ގޮތުން ކުރައްވާ އެންމެ ފަހު ވަޞިއްޔަތް އެކަލޭގެފާނު ނުހަނު ޞަރީޙަ ޢިބާރާތުން ބަޔާންކޮށްދެއްވިއެވެ. ތައުޙީދާއި އީމާންކަމާއި އިސްލާމް ކަމުގެ ރުކުންތައް ބަޔާންކޮށްދެއްވިއެވެ. އިންސާނުން ގެ ފަރުދީ ޙައްޤުތަކުގެ ޙުރުމަތް ތަފްސީލު ކޮށްދެއްވިއެވެ. ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ބަޔާން ވެފައިވާ އަންނަނިވި ނުގުތާތަކަކީ މިއަދު އިންސާނީ ޙައްޤުތަށް ވަކާލާތު ކުރާ މީހުން ގެ މައިގަނޑު އަސާސްތަކެވެ.

- އިންސާނުން ގެ ލެޔާއި މުދާ ޙުރުމަތްތެރި ވެގެންވާ ކަން.

- ޙައްޤަކާއި ނުލައި މީހުން މެރުމުން މަރަށްމަރު ނުވަތަ ޤިޞާޞް ހިފޭނެކަމަށާއި ރިބާކެއުން ފަދަ މީސްތަކުންގެ މުދާ ބާޠިލް ގޮތުގައި ކެއުމަކީ ޙަރާމް ކަމެއްކަން.

- މީސްތަކުންނަކީ ހަމަހަމަ ބައެއް ކަމަށާއި ތަޤްވާވެރިކަން ފިޔަވައި ވަކި ނަސްލެއްގެ މީހަކަށްވީތީ މާތްކަމެއް ނެތްކަން.

- ޢާއިލީ ޙައްޤުތައް އަދާކުރުމަށާއި މި ގޮތުން ފިރިން އަނބިންގެ ޚަރަދު ކޮށް ބެލަހައްޓައި އެމީހުންގެ ޙައްޤު އަދާކުރުމަށާއި އަނބިން ޢިއްފަތްތެރިވެ ފިރިމީހާއަށް ކިޔަމަންތެރިވުން.

އިންސާނީ ޙައްޤު ތަކުގެ ވާރިސުން ގެ ގޮތުގައި ދަޢްވާކުރާ ހުޅަގުގެ ޣައިރު މުސްލިމުން ބުނާ ގޮތުގައި އަސާސީ އިންސާނީ ޙައްޤުތަކުގެ ފެށުމަކީ " ޔުނިވަރސަލް ޑިކްލަރެޝަން އޮފް ހިއުމަން ރައިޓް" އެވެ. 1948 ވަނަ އަހަރު ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ދުނިޔޭގެ ޤައުމުތަކުން ސޮއިކުރެވުނު މި ޤަރާރު ވަނީ 30 މާއްދާގެ މައްޗަށް ށެވެ. މި ޤަރާރުގެ މައިގަނޑު މައްދާތަކަކީ ދިރިހުރުގެ ޙައްޤާއި ނަސްލީ އަދި ޖިންސީ ތަފާތު ނުކުރުމުގެ ޙައްޤާއި މުދަލާއި ބެހޭ ޙައްޤުތަކެވެ. އިތުރު މާއްދާތަކަކީ ބަޔާން ކުރެވުނު އަސާސީ މާއްދާތަކަށް ބާރުދޭ މައްދާތަކެކެވެ. މި ޤަރާރުގެ އަސާސީ ހުރިހާ މާއްދާ އެއް ހިޖުރައިން 10 ވަނަ އަހަރު ކީރިތި ރަސޫލާ ޙައްޖަތުލް ވަދާޢު ގެ ޚުޠުބާ ގައި ޝަރުޢީ ޙުކުމްތަކެއް ގޮތުގައި ވަނީ ކަނޑައަޅުއްވާފައަވެ.

ޣައިރު މުސްލިމުން މުސްލިމުންނަށް އަމަޒު ކޮށް ކުރާ ތުހުމަތު ތަކަކީ ބާޠިލު ތުހުމަތު ތަކެކެވެ. އިސްލާމީ ޝަރީއަތަކީ ޒަމާނަށް ނުފެތޭ ބޯދާ ލާއިންސާނީ ނިޒާމެއް ކަމަށް ތުހުމަތު ކުރެއެވެ. އަންހެނުންގެ ޙައްޤު ތަކާއި ފަރުދީ ޙައްޤުތަކަށް އިސްލާމީ ޝަރީޢަތުގައި ޖާގަ ނުދޭ ކަމަށް ބުނެއެވެ. ލޭ އޮހޮރުވުމައި ވައްކަންކުރުމާއި ލޫޓުވުމާއި ތަފާތު ނަންނަމުގައި ރިބާ ކެއުން ފަދަ ކަންކަން އާއްމުވެފައިވާ އެއްވެސް މުޖްތަޢައެއްގައި ސުލްޙަވެރިކަމާއި އަމާންކަން އޮންނާނެ ހެއްޔެވެ. ؟ އަނބިން ޢިއްފަތްތެރިނުވެ، ފިރިންގެ ކިޔަމަނުން ނިކުމެ، ފިރިން އަނބިންގެ ޙައްޤުތައް އަދާ ނުކޮށް އަނިޔާވެރިވާ މުޖްތަޢެއްގައި އާއިލީ ބަދަހި ކަމެއް އޮންނާނެހެއްޔެވެ؟ ކައިވެނީގެ އަހައްމިޔަތު އުވާލައި، ޖިންސީ އަމަލުތައް އާއްމު ކުރުމާއި އެއްޖިންސުން އަދި ގުރޫޕު ހަދައިގެން ޖިންސީ ގުޅުންހިންގުމާއި މައިންބަފައިންނައި ދަރިންނާއި އާއިލީ ގުޅުންތައް އޮންނަ ފަރާތްތަކުގެ މެދުގައި ޖިންސި އަމަލުތައް ހިންގުން ފަދަ އަޚްލަޤީ ގޮތުން ދަށުދަރައިގެ އަމަލަތައް ހިންގުން ހުއްދަކުރުމަކީ އިސްލާމީ މުޖްތަޢެއްގައި ޖާގަދެވޭނޭ ކަންކަމެއް ނޫނެވެ. މިކަންކަމަކި އިންސާނީ ޙައްޤުތަކެއް ކަމުގައި ކިތަންމެ ވަރަކަށް ވަކާލާތު ކުރި ނަމަވެސް އެކަންކަން ބަލައެއް ނުގަނެވޭނެއެވެ. އެކަންކަމަށް މުސްލިމް އުއްމަތް ފުރުޞަތު ނުދޭތީ ކޮށްމެ ފަދަ ބަދުނާމެއް ކުރި ނަމަވެސް ފަރުވާލެއް ނެތެވެ. އަދި ކިއެއްތަ ! މުސްލިމުންގެ ޟަމީރު ދިރިހުރިހާ ހިނދަކު އެކަންކަމާއި ދެކޮޅަށް ހަނގުރާމަ ކުރުންމަތީ ދެމިތިބޭނެކަން ކަށަވަރެވެ.