ޚަބަރުދީން

ހުކުރު ދުވަހުގެ ބަރަކާތުގެތެރެއިން ޚާއްޞަ ތިން ކަމެއް

February 03, 2023

Share this story

ލިޔުނީ

އަށްޑުވަސް,

ހުކުރު

ދުވަސްތަކުގެ ތެރެއިން ޚާއްޞަ ދުވަސްތަކެއް މާތްރަސްކަލާންގެ ވަނީ މާތްކުރައްވާފައެވެ. މަސްތަކުގެ ތެރެއިން ޚާއްޞަ މަސްތަކެއް އަދި ވަގުތުތަކުގެ ތެރެއިން މާތް ވަގުތު ތަކެއް ލައްވާފައިވެއެވެ. ހުކުރުދުވަހަކީ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްކަމުގައި ލައްވާފައިވެއެވެ. ކޮށްމެ ކަމެއްގެ ޙިކުމަތް މޮޅަށް ދެނެވޮޑިގެންވަނީ ޙަކީމްވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ކޮށްމެ ހުކުރު ދުވަހަކު ތިރީގައި މިބަޔާންކުރާ ކަންކަމަކީ އެކަންކަން ކުރުމަށް އާދަކުރުމުން ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށް އެހީތެރިވެދޭނެ ތިން ކަމެކެވެ. solexsolex

1. ހުކުރު ނަމާދާއި ހުކުރު ޚުޠުބާ

ހުކުރުދުވަހުގެ އެންމެ ޚާއްޞަކަމަކީ ހުކުރުނަމާދާއި ހުކުރު ޚުޠުބާއެވެ. ހުކުރުދުވަހުގެ މެންދުރު ވަގުތު ދެ ރަކްޢަތް ނަމާދަކީ ގިނަ ޢިލްމުވެރިން ވިދާޅުވާގޮތުގައި މުސްލިމް ފިރިހެނުންގެ ތެރެއިން ޢުޒްރެއް ނެތް އެންމެންގެ މައްޗަށް ވާޖިބެކެވެ. އެ ނަމާދުގެ މާތް ކަމާމެދު އެތައް ހަދީސެއް ވާރިދުވެފައިވެއެވެ. މި ނަމާދަކީ އަޅުކަމެއްގެ އިތުރުން އިޖްތިމާޢީ ޙަރަކާތެކެވެ. މުސްލިމް ޖަމާޢަތް އެއްތަނަކަށް އެއްވެ އެކުވެރިކަން ބަދަހިވެގެންދާ މުހިންމު އިޖްތިމާޢެކެވެ. ޚާއްޞަކޮށް ހުކުރު ޚުޠުބާ އަކީ ވަޢްޡާއި ނަސޭހަތުގެ އިތުރުން ޙަމްދު ޞަލަވާތުގެ މަތިވެރި ވަގުތެކެވެ. ތަކްބީރު ، ތަހްލީލާއި ތަޙްމީދު ގެ އިތުރުން އިސްތިޣްފާރުގެ މަތިވެރި ވަގުތެކެވެ . ހަމައެހެންމެ އެހަފުތާގައި މުހިންމު މައްސަލަތަކުގެ މައްޗަށް އިސްލާމީ އުންމަތް ހޭލުންތެރިކުރުމަށް ގޮވާލެވޭ މަތިވެރި ގޮވާލުންތައް ހުކުރު ޚުޠުބާގައި ހިމެނިގެންދެއެވެ.

2. ދުޢާ އާއި ޒިކުރު ކުރުމަށް ޚާއްޞަ ދުވަހެއް

ދުޢާ އަކީ މުސްލިމުންގެ ހަތިޔާރެވެ. މާތްﷲ އަށް ދުޢާ ކުރުމަށް އެކަލާންގެ އަޅުތަކުންނަށް ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އެކަލާންގެ އަންގަވާފައެވެ. ކީރިތި މާތް ނަބިއްޔާ ގިނަގިނައިން ދުއާކޮށް ޒިކުރު ކުރައްވާކަން އެކަލޭގެފާނުގެ ސުންނަތުންސާބިތުވެއެވެ. އެކަލޭގެފާނު ހުކުރު ދުވަހު ދުޢާއާއި ޒިކުރުކުރުމަށް ޚާއްޞަ ކުރައްވައެވެ. ހުކުރު ދުވަހު ދުއާ އިޖާބަކުރައްވާ ވަގުތެއް ނުވަތަ ވަގުތު ތަކެއް ވާކަމަށާއި މުސްލިމުން ދުޢާ އާއި ޒިކުރު ކުރުން އެހެން ދުވަސްތަކަށްވުރެ ގިނަކުރުމަށް އެކަލޭގެފާނު މި އުންމަތަށް އިރުޝާދު ދެއްވާފައިވެއެވެ. އެދުވަހު ދުޢާ އިޖާބަ ކުރައްވާ ތަފާތު ވަގުތު ތައް އެކި ޙަދީސްތަކުގައި ވާރިދު ވެފައިވެފައިވެއެވެ. ހުކުރުދުވަހުގެ ފަޖުރު ވަގުތާއި ހުކުރު ނަމާދު ގެ ވަގުތާއި ޢަސްރު ނަމާދުގެ ވަގުތު މީގެ ތެރޭގައި ހިމެނެއެވެ.

3. ޞަލާވާތް ކިޔެވުމާއި ކަހުފު ސޫރަތް ކިޔެވުން

ކީރިތި މާތް ނަބިއްޔާ ގެ މައްޗަށް ޞަލާވާތް ލެއްވުން އެދި ދުޢާކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް ޢައިނިއްޔަ ފަރުޞެކެވެ. ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން މި ކަމަށް ދަލާލަތު ލިބެއެވެ. ހަފުތާގެ އެހެންދުވަސްތަކަށް ވުރެ ގިނައިން ހުކުރު ދުވަހު ޞަލަވާތް ކިޔެވުމުގެ މާތްކަމުގެ މައްޗަށް އެތައް ޙަދީސެއް ވާރިދުވެފައިވެއެވެ.

ކަހުފު ސޫރަތަކީ ކީރިތި ޤުރުއާނުގެ 18 ވަނަ ސޫރަތެވެ. ކަހުފު ބާގާ ވާހަކައާއި ޙިޟްރުގެ ފާނުގެ ވާހަކަ އާއި ޒުލްޤަރުނައިނި ވާހަކައިގެ އިތުރުން ޔައުޖޫޖް މައުޖޫޖް ގެ ވާހަކަފަދަ އެތައް ޢިބުރަތްތެރި ވާހަކައެއް މި ސޫރަތުގައިވެއެވެ. ހުކުރު ދުވަހު މި ސޫރަތް ކިޔެވުމަކީ ވަރަށް ގިނަ ދަރުމަލިބޭ ކަމެކެވެ. މި ސޫރަތް ކިޔެވުމުން ޖެހިގެން އަންނަ ހުކުރާ ހަމައަށް ޚާއްޞަ ނޫރެއް އެމީހެއްގެ ވަށައިގެން ވާނެ ކަމަށް ކީރިތި ރަސޫލާގެ ޞައްޙަ ޙަދީސެއްގައި ބަޔާންވެފައިވެއެވެ.