ޚަބަރުދީން

އިސްލާމްދީނަށް ނަޞްރުދިނުން

October 19, 2022

Share this story

ލިޔުނީ

އަށްޑުވަސް,

މީގެ ހަފްތާއެއްހައި ދުވަސްކުރިން ޓްރާންސްޕޭރަންސް މޯލްޑިސްއިން ނެރުނު ރިޕޯޓު ކިޔާލީމާ ހަގީގަތުގައިވެސް ހިތަށް ބިރުވެރިކަން ވަނެވެ. އެހައިމެ ދެރަވެސް ވިއެވެ. އެރިޕޯޓުގައި ލިޔެފައިވަނީ މާފުށީ ޖަލުގައި، ދިވެހި ދައުލަތާ ދެކޮޅަށް "ޖިހާދުކުރުމަށް" ތައްރާތަށްތިބި ގިނަ ޢަދަދެއްގެ ގައިދީންތަކެއް ތިބި ވާހަކައެވެ. އެއީ ލާދީނީ ދައުލަތަކުން އެމީހުން ނުޙައްޤުން ޖަލަށްލާފައިވާ ކަމަށް ގަބޫލުކޮށްގެނެވެ. މިއީ އަޅުގަނޑު ދަންނަ އިސްލާމްދީނުގައި އޮތް ގޮތެއް ނޫނެވެ. solexsolex

އިސްލާމްދީނަކީ، ބަދަލުހިފުމާއި، ހަނގުރާމައާއި ލޭއޮހޮރޮވުމަށް ގޮވާލާ ދީނެއް ނޫނެވެ. ތިމާއަށް ނުބައިކަމެއް ކުރިމަތިވާ ހިނދު ޢަމަލުކުރާނެ ގޮތް މާތް ﷲ ފުއްޞިލަތު ސޫރަތުގެ 34 ވަނަ އާޔަތުގައި އަންގަވާފައިވަނީ އަންނިވި ގޮތަށެވެ. "ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ. އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ. ފަހެ، އެހާރުން ތިބާއާ އޭނާއާ ދެމެދުގައި عداوة ތެރިކަމެއްވާ މީހާ، ގާތް رحمة ތެރިޔަކު ފަދައިން ވެދާނެތެވެ." މާތް ނަބިއްޔާގެ ސުންނަތުން އެކަލޭގެފާނު ދައްކަވާދެއްވާފައިވާ މިސާލަކީވެސް މިއީއެވެ.

މައްކާ ފަތަޙަކުރެވުނު ދުވަހަކީ، އެކަލޭގެފާނަށް އެތަކެއް އަނިޔާތަކެއް ދިން މައްކާގެ މުޝްރިކުންނަށް އެކަލޭގެފާނު ބޭނުންފުޅު ކޮންމެ ގޮތެއް ހެއްދެވެން އޮތް ދުވަހެކެވެ. އެ ދުވަހު މައްކާގެ މުޝްރިކުންނާ މުޚާޠަބުކުރައްވައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މިއަދު ތިމަންކަލޭގެފާނު ކަލޭމެންނަށް ކިހިނެއް ހައްދާވަނެކަމަށް ހީވޭހެއްޔެވެ؟ އެމީހުން ދެންނެވިއެވެ. ކަލޭގެފާނީ ލޮބުވެތި އަޚެއްގެ ލޮބުވެތި ދަރިކަލެކެވެ. އެހިނދު މާތް ނަބިއްޔާ ޙަދީކުރެއްވިއެވެ. ދާށެވެ. ތިޔަބައިމީހުންނަކީ މިނިވަނުންނެވެ.

ހުރިހައި އިންސާނުންގެ ތެރެއިން ކާމިޔާބުވާނެ މީހުންނަކީ ކޮބައިކަން ކީރިތި ޤުރުއާނުން ފެންނާން އެބައޮތެވެ. އަލް ޢަޞްރު ސޫރަތުގައި މާތް ﷲ ޒަމާން ގަންދެއްވައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. "ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ." ﷲ ގެ މަގަށް ނުވަތަ ދީނަށް ގޮވާލާނެ ގޮތް އަންގަވާފައިވަނީ އައްނަޙްލު ސޫރަތުގެ 125 ވަނަ އާޔަތުގައެވެ. އެ އާޔަތުގެ މާތް ﷲ އަންގަވާފައިވަނީ މި ފަދައިންނެވެ. "حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހުން، މޮޅަށް ދެނެވޮޑިގެންވެތެވެ. އަދި ތެދުމަގުލިބިގެންވާ މީހުންވެސް، މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ." އިސްލާމް ދީނަށް ނަޞްރުދިނުމުގައި ތަބާވާންޖެހޭ އިސްލާމީ ފަލްސަފާއަކީ މިއީއެވެ.

މި ދުނިޔެ ދުށް އެންމެ އަނިޔާވެރި، ޖައްބާރު އިންސާނާ ފިރްޢަވްނުގެ ގާތަށް ދިއުމަށް، މޫސާގެފާނާއި އެކަލޭގެފާނުގެ އަޚް ހާރޫން ޢަލައިހިއްސަލާމް އަށް އަމުރުކުރައްވައި، އެދެބޭކަލުންނަށް މާތް ﷲ އަންގަވާފައިވަނީ، ފިރްޢަވްނަށް ހަރުކަށިކަން ދެއްކެވުމަކަށް ނޫނެވެ. މިވާހަކަ އައިސްފައިވަނީ ޠާހާ ސޫރަތުގައެވެ. މާތް ﷲ އެ ދެބޭކަލުންނަށް އަންގަވައި އަމުރުކުރައްވަނީ "فرعون ގެ ގާތަށް ތިޔަ ދެބޭކަލުން ވަޑައިގަންނަވާށެވެ! ހަމަކަށަވަރުން، އޭނާ އަނިޔާވެރިވެ ހައްދުފަހަނަޅައި ހިނގައްޖެއެވެ." "ފަހެ، މަޑުމައިތިރި ބަހުން ތިޔަދެބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ."

ކީރިތި ޤުރުއާނުގައި މި މޭރުމުން އައިސްފައިވާ އާޔަތްތަށް ވަރަށްވެސް ގިނައެވެ.

މާތް ނަބިއްޔާ ދިފާޢީ ހަނގުރާމަތައް ކުރައްވެވި ވަގުތުތަކުގައި އައިސްފައިވާ ޖިހާދުގެ އާޔަތްތަކަކީ، އަޅުގަނޑުމެން، އެކަކުއަނެކަކު ކާފަރުކޮށް، އަމިއްލަ ދައުލަތާ އިދިކޮޅަށް ހަގުރާމަކުރުން ހުއްދަކުރާ އާޔަތްތަކެއް ނޫނެވެ. މިކަން އިސްލާމީ ޢިލްމުވެރިން ވަރަށް ތަފްސީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.

އިސްލާމްދީނަށް ނަޞްރުދިނުމުގެ ނިޔަތުގައި، އަޅުގަނޑުމެންގެތެރެއިން ބަޔަކު ލޭއޮހޮރުވުމަށް ތައްޔާރަށް ތިބިތަން ފެނުމުން ލޮލުން ކަރުނައޮހެއެވެ. ކޮންމެއަކަސް، ދީނީ ހަރުކަށި ފިކުރަށް ތަބާވާ އަޅުގަނޑުގެ އަޚުންނާއި އުޚުތުންނަށްޓަކައި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ. އެ ދުޢާއަކީ ޠާއިފްގެ ދުވަހު، މުޝްރިކުން، މާތް ނަބިއްޔާގެ ހަށިކޮޅަށް ދެމުންދިޔަ އަނިޔާތަކުގެ ސަބަބުން ފައިންޕުޅު ލެއިން ތެމިފައިވީ ހިނދު، ﷲ ގެ ޙަޟްރަތުގައި އެކަލޭގެފާނު ދެންނެވި ދުޢާއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ. މިއަޅާގެ ޤައުމުގެ މީހުންނަށް ހިދާޔަތު ދެއްވާންދޭވެއެވެ. އެމީހުންނަށް ހަމަ ނުވިސްނެނީއެވެ."