ޚަބަރުދީން

ޙައްޖުދުވަސް - އަހަރު ދުވަހުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސް

June 15, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ހައްޖު ކޯޕަރޭޝަން

މިއަދަކީ މާތްކަމުން ފުރިގެންވާ ހައްޖު ދުވަސް ނުވަތަ ޢަރަފާތް ދުވަހެވެ. މިއަދަކީ ޙައްޖުގެ އެންމެ މުހިއްމު މަނާސިކު ކަމަށްވާ އަރަފާތުގައި ހުރުމުގެ މަނާސިކު ނުވަތަ ރުކުން ފުރިހަމަ ކުރާ ދުވަހެވެ. މިއަދަކީ މިކާއިނާތުގެ ވެރި ރައްބު ﷲ ސުބުޙާނަހޫ ވަތާޢާލާ ދުނިޔޭގެ ބިމަށް ފައިބާ ވޮޑިގެން އަރަފާތް ބިމުގައިވާ އެންމެހައި އަޅުތަކުންނާއި މެދު ފަޙްރުވެ ވޮޑިގަންނަވާ މާތް ދުވަހެވެ. މުޅި އަހަރުދުވަހުގެ ތެރޭގައިވެސް އަންނަ އެންމެ މާތް ދުވަހެވެ. solexsolex

އިލްމުވެރިން އިންތިފާޤުވެފައިވާ ގޮތުގައި މިއަދަކީ ފާފަތައް ފުއްސެވުމާއި އަފޫ ކުރެއްވުމު ގެ ދުވަހެވެ. އެކަލާނގެއަށް ޞާލިޙްވި އަޅުންގެ ތެރެއިން އެންމެ ގިނަ މީސްތަކުން ނަރަކައިން ނެރުއްވާ ސުވަރުގެ ވައްދަވާ ދުވަސް ވެސް މެއެވެ. އަދި ހަމަ އެހެންމެ މިއަދަކީ މާތްﷲ އެކަލާނގެ އަޅުތަކުންގެ ކިބައިން، އެކަނލާންގެ އިލާޙުވަންތަ ކަމަށް އަޙުދު ކަށަވަރު ހިއްޕެވި މާތް ދުވަހެވެ.

މިއަދަކީ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާ އެކަލާނގެ ދީން، އިސްލާމްދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އެގޮތުން އަލްމާޢިދާ ސޫރަތުގެ 3 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "މިއަދު ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައި މީހުންގެ ދީން ފުރިހަމަ ކުރައްވައިފީމު އެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ނިއުމަތްތައް ފުރިހަމަ ކުރައްވައި އިސްލާމްދީނަކީ ތިޔަބައިމީހުންގެ ދީން ކަމުގައި ރުހިވޮޑިގެންފީމު އެވެ." މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ހައްޖަތުލް ވަދާޢުގެ ޚުޠުބާއަށް ފަހު މާތްﷲ ވަޙީކުރައްވާފައިވާ އާޔަތެވެ.

މިހުރިހާ ކަމަކުން އެނގިގެން ދަނީ މި ބިންމަތީގައި ﷲ ސުބުޙަނަހޫ ވަތަޢާލާ ލެއްވި އެންމެ މާތް ދުވަހަކީ އަރަފާތް ދުވަސްކަމެވެ. ނުވަތަ މިއަދު އަޅުގަނޑުމެން ފާހަގަ ކުރަމުން މިދާ ހައްޖު ދުވަސްކަމެވެ.

މިއަދަކީ ދުނިޔޭގެ ތަފާތު ކަންކޮޅުތަކުން މުސްލިމް އެތަށް ބަޔަކު އަރަފާތު ބިމަށް ޖަމާވާ ދުވަހެވެ. މުސްލިމުން އެބައިމީހުންގެ ވެރިރައްބަށް އޮތް ލޯތްބާއި ކުލުނާއި ކިޔަމަންތެރިކަން ބަންޑުންކޮށްލާ ދުވަހެވެ. ތަހުލީލާއި، ތަހުމީދާއި އަދި ތަކްބީރުގެ އަޑުން މުޅި ޖައްވު ގުގުމާލާ މާތް ދުވަހެވެ. މިއަދުގެ ހައްޖުގެ އަޅުކަމުގައި ފުރިހަމައަށް ބައިވެރިވެ އަޅުކަން ފުރިހަމަ ކުރާ ފަރާތަކަށް ސުވަރުގެ މެނުވީ ނުވެއެވެ.

ރަސޫލުﷲ ސައްލަﷲ އަލައި ވަސައްލަމް ހަދީސް ކުރައްވާފައި ވެއެވެ. "އެންމެ ފުރިހަމަ ގޮތުގައި ކުރެވޭ ހައްޖުގެ، ޖަޒާއަކަށް ސުވަރުގެ މެނުވީ ނުވެއެވެ."

މި މާތް ދުވަހުގެ ހެޔޮކަމާއި ސަވާބު ލިބެން އޮތީ ހަމަ އެކަނި ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް އަރަފާތް ބިމަށް ޖަމާވެފައިވާ މުސްލިމް އަޙުންނާއި، އުޙުތުންނަށް އެކަންޏެއް ނޫނެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ނުދެވޭ މީހާއަށް އޮތީ މިއަދު ރޯދައަށް ހުރުމާއިއެކު، ފަރުޟު ފަސް ނަމާދަށް ރައްކާތެރި ވުމާއިއެކު ، ސުންނަތް ނަމާދު ތައް ކުރުމާއި، ކީރިތި ޤުރުއާން ކިޔެވުން ގިނަކުރުމެވެ. ތަހުލީލާއި، ތަހުމީދާއި އަދި ތަކްބީރުގެ ކިޔުން އިތުރުކުރުމެވެ. (ތަޙުލީލަކީ لاَ إِلهَ إِلاَّ اللهُ އެވެ. ތަޙުމީދަކީ الحَمْدُ للهِ އެވެ. އަދި ތަކުބީރަކީ اللهُ أَكْبَرُ އެވެ.)

މިއަދުގެ މެންދުރު ފަހުގެ ވަގުތަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުގައި ދުޢާދެންނެވުން އެންމެ މޮޅު އިތުރުވެގެންވާ ވަގުތެވެ. މިއަދުގެ އިރު އޮއްސުމާއި ހަމައަށް ގިނަ ގިނައިން ދުޢާ ކުރުމާއި، ހެޔޮ ޢަމަލުތައް ކުރުމުގައި ވަގުތުތައް ހޭދަ ކުރައްވާށެވެ. މި މާތް ދުވަހުގެ ހެޔޮ ސަވާބާއި ދަރުމަ ލިބިގަތުމަށް ހިތްމަތުގެ ކަމަރު ބަނދެ ލައްވާށެވެ.

ނޯޓް: މިއީ ޝައިޙް ޑރ ޢަލީ ޒާހިރު ބިން ސައީދު ޤާސިމްގެ އެހީތެރިކަމާއިއެކު ލިޔެފައިވާ ލިޔުމެކެވެ.