ޚަބަރުރިޕޯޓް

19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

May 14, 2024

Share this story

އިއްޔެ ރައްޔިތުންގެ މަޖިލިހުގެ ތަޅުމުގައި އޮތީ 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ފަހު ޖަލްސާއެވެ. ފަހު ޖަލްސާގައިވެސް މުހިއްމު މަސައްކަތްތަކެއް ކޮށް, މުހިއްމު ނިންމުންތަކެއް ވޯޓުން ނިންމާ މަދު މެމްބަރުން ކޮޅެއް ފިޔަވާ ތަޅުމުން ނިކުމެވަޑައިގަތީ އެމެމްބަރުންގެ ފަހު ޖަލްސާއަށްފަހު އެވެ.solexsolex

ފަހު ޖަލްސާގައި ގިނަ މެމްބަރުން ފާޅުކުރެއްވީ މަސައްކަތްތަކެއް ކުރެވުނު ކަމުގެ އުފާވެރި ޝުޢޫރެވެ. 19 ވަނަ މަޖިލިހަކީ ތަފާތުވާނެ މަޖިލިހެއްގެ ގޮތުގައި އެމްޑީޕީން ލީޑްކޮށް, ކޮންޓްރޯލް ކުރި މަޖިލިހެކެވެ. އެޖެންޑާ19 ތަފާތުވާނެ ކަމަށް ބުނެ ކުރި ވަރުގަދަ ކެމްޕެއިނަކަށްފަހު ވެރިކަމުގައި އޮވެ އެމްޑީޕީން މަޖިލިހުގެ ސުޕަރ މެޖޯރިޓީ ނެގިއެވެ. އިދިކޮޅަށް ރައްޔިތުން ދިނީ ކިރިޔާ އަޑެއް އިއްވާލެވޭ ވަރުގެ މަދު ގޮނޑި ކޮޅެކެވެ.

ނަމަވެސް ދައުރު ނިމުމުގެ ކުރިން އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ސިމްޕަލް މެޖޯރިޓީއަށް ބަދަލުވިއެވެ. އެއީ އެމްޑީޕީގެ ތެރެއިން އާ ޕާޓީއެއް އުފަންވެ, މެމްބަރުންތަކެއް އެމްޑީޕީ ދޫކުރެއްވުމުންނެވެ. 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ ބޮޑު ބައިގަ އެމަޖިލިހުގެ ރައީސްކަން ކުރެއްވި މުޙައްމަދު ނަޝީދުއާއި ނައިބުރައީސްކަން ކުރެއްވި އީވާ އަބްދުالله ހިމެނިވަޑައިގަންނަވާހެން އެމްޑީޕީން މެމްބަރުންތަކެއް ވަކިވެވަޑައިގަތީއެވެ.

ކޮވިޑް 19ގެ އާލަމީ ވަބާގެ ހުރަސްތަކާއެކުވެސް އިއްޔެ މެމްބަރުން ގެއަށް ވަޑައިގެންނެވީ މުހިއްމު ރައްޔިތުންނަށް ފައިދާކުރަނިވި މަސައްކަތްތަކެއއް ކުރެވުނު ކަމުގެ ހިތްހަމަ ޖެހުމާއެކުއެވެ. އެހިތްހަމަ ޖެހުން އަކުރުތަކުން އެންމެ ބޮޑަށް ފާޅުކުރެއްވީ ދައުރު ނިމޭއިރު އެމަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުޙައްމަދު އަސްލަމް އެވެ. އިއްޔެގެ ޖަލްސާއަކީ އެމަނިކުނާނަށްވެސް އެންމެ ފަހު ޖަލްސާއެވެ. ފަސްވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައި ނުގަތެވެ.

19 ވަނަ މަޖިލިހުގައި 513 ޖަލްސާ ބޭއްވި އެވެ. 1461 ގަޑިއިރު ހޭދަކުރިއެވެ. 3784 ކޮމިޓީ ބައްދަލުވުމަށް 4434 ގަޑިއިރާ 23 މިނިޓް ހޭދަކުރެއްވި އެވެ. ހުށަހެޅި 210 ބިލްގެ ތެރެއިން 178 ބިލްގެ މަސައްކަތް ނިންމެވިއެވެ. 92 ޤަރާރު ހުށަހެޅިއެވެ. އޭގެތެރެއިން 73 ޤަރާރުގެ މަސައްކަތް ނިންމެވިއެވެ. ސަރުކާރުން ހުށަހެޅުއްވި 156 މައްސަލައިގެ ތެރެއިން 152 މައްސަލަ ނިންމެވިއެވެ. ރިޔާސަތުން ހުށަހެޅުއްވި 107 މައްސަލައިގެ ތެރެއިން 104 މައްސަލަ ނިންމެވިއެވެ. އަދި މެމްބަރުން ހުށަހެޅުއްވި 56 މައްސަލައިގެ ތެރެއިން 48 މައްސަލަ ނިންމެވިއެވެ. 384 ފަހަރު އެކި ބޭފުޅުންނާ ސުވާލު ކުރެއްވިއެވެ. 108 ކުއްލި މައްސަލައެއް ތަޅުމަށް ހުށަހެޅި ބަހުސް ކުރެއްވިއެވެ. 19 ވަނަ މިޖިލިހުގައި ކުރެއްވި މަސައްކަތަށް އެމަޖިލިހުން ދެއްވީ އޭ ޕްލަސް އެވެ. އެއީ %92.95 އިންނެވެ.

އަޅުގަނޑު ވަރަށް އުފަލާ އަދި ހަމައެހާމެ ފަޚުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުންވޭ 1932 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހެއް އުފެދި, މިވޭތުވެދިޔަ 92 އަހަރުގެ މުއްދަތުގެ ތެރޭގައި މި 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެން މިދަނީ ރައްޔިތުންގެ މަޖިލިހުގައި އެންމެ ގިނަ މަސައްކަތްތައް ކުރެވުނު މަޖިލިސް ކަމުގައި- މުހައްމަދު އަސްލަމް/ މަޖިލިހުގެ ރައީސް

އެމްޑީޕީން ކޮންޓްރޯލް ކުރި 19 ވަނަ ރައްޔިތުންގެ މަޖިލިހަށްފަހު 20 ވަނަ މަޖިލިސް ވެގެންދާނީ ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނާނެ މަޖިލިހަށެވެ. މިހާރު ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުން ވަނީ ޤާނޫނު އަސާސީއަށްވެސް ބަދަލުގެނެވޭނެ ސުޕަރ މެޖޯރިޓީ ދީފައެވެ. އަދި ޕީއެންސީއަށް ނިސްބަތް ނުވާ މެމްބަރުންގެ ތެރޭގައިވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން އެބަތިއްބެވިއެވެ. އިދިކޮޅު އެމްޑީޕީގައި ތިއްބަވާނީ އެންމެ 12 މެމްބަރުންނެވެ. 20 ވަނަ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާނެވެ. އެމެމްބަރުން މިމަހު މެމްބަރު ކަމުގެ ހުވާ ކުރައްވާނެ އެވެ.