ޚަބަރުދުނިޔެ

ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލްގެ ސަރުކާރު ވައްޓާލައިފި

July 13, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ނޭޕާލް

ނޭޕާލުގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލްގެ އިތުބާރު ނެތްކަމަށް ހުކުރު ދުވަހު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނެގި ވޯޓަކުން ފާސްކޮށް, އޭނާގެ ސަރުކާރު ވައްޓާލައިފިއެވެ. solexsolex

ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ހިނގަމުން އައި 20 މަސް ދުވަސްވީ ދަހަލްގެ ސަރުކާރު މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ. މަޖިލީހުގެ މި ވޯޓާއެކު ނޭޕާލުގައި އަނެއްކާވެސް އުފެދެނީ ކޯލިޝަން ސަރުކާރެކެވެ. އެ ކޯލިޝަންގެ ވެރިއަކަށް ހުންނަވާނީ ކޭޕީ ޝަރުމާ އޯލީ ކަމަށް ރޮއިޓާސް އިން ބުނެފައިވެއެވެ. އޯލީ އަކީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ނޭޕާލުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ފަރާތެކެވެ.

ނޭޕާލުގައި އޮތް 239 އަހަރުގެ ޒަމާންވީ ދިގު ރަސްކަން 2008 ވަނަ އަހަރު ނިމުމަކަށް އައި ފަހުން އެ ގައުމު ފާހަގަ ކުރެވިފައިވަނީ ސިޔާސީ ގޮތުން ހަމަނުޖެހުން ބޮޑު ގައުމެއްގެ ގޮތުގައެވެ. އަލަށް އެކުލަވާލެވޭ އޯލީގެ ސަރުކާރަކީ ރަސްކަން އުވާލި ފަހުން އެ ގައުމަށް ގެންނަ 14 ވަނަ ސަރުކާރެވެ.

ބޮޑުވަޒީރު ދަހަލްގެ އިތުބާރު އޮތްތޯ ބެލުމަށް 275 ގޮނޑީގެ މައްޗަށް އެކުލެވޭ ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓުން އޭނާގެ އިތުބާރު އޮތް ކަމަށް ވޯޓު ދިނީ ހާޒިރުވެ ތިބި 258 މެމްބަރުންގެ ތެރެއިން އެންމެ 63 މެމްބަރުންނެވެ. އިތުބާރު ނެތް ކަމަށް 194 މެމްބަރުން ވޯޓު ދީފައިވެއެވެ.

ނޭޕާލަކީ އިންޑިއާ އާއި ޗައިނާ އާއެކު ސަރަހައްދީ ރޮނގު ހިއްސާ ކުރާ ގައުމަކަށް ވުމުގެ އިތުރުން، އެ ދެ ގައުމުން ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ގައުމެކެވެ. މި ސަބަބަށްޓަކައި އިންޑިއާ އިންނާއި ޗައިނާ އިން ނޭޕާލުގެ ސިޔާސީ މަސްރަހަށް ޚާއްސަ ޝައުގެއް ބަހައްޓާކަން ސިޔާސީ ތަޖުރިބާކާރުން ފާހަގަ ކުރެއެވެ.

ނޭޕާލުގެ ސަރުކާރަށް އިތުބާރު ނެތްކަމަށް ފާސްކޮށްފައި ވީ ނަމަވެސް އެ ޤައުމުގައި އާ ސަރުކާރެއް އެކުލަވާލާނެ ވަކި ތާރީހެއް އަދި ނިންމާފައެއް ނުވެއެވެ.