އުމުރުން 20 ދުވަހުގެ ކުއްޖާގެ މަރާއެކު ޣައްޒާގައި މި ފިނިމޫސުގައި ގަނޑުވެގެން ފަސްވަނަ މަރު
December 29, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ގަދަ ފިނީގައި ގަނޑުވެގެން ޣައްޒާގައި އަނެއްކާވެސް ތުއްތު ކުއްޖަކު ނިޔާވެއްޖެއެވެ. އެންމެ ވިހި ދުވަހުގެ ޖުމާ އަލް ބަތްރާން މިއަދު ދުނިޔެ ދޫކޮށްފައިވާއިރު ހަދުވަހުގެ ތެރޭގައި ޣައްޒާގައި ވަނީ ހައިޕޮތާމިއާ (ފިނީގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން ދަށްވުން) ގެ ސަބަބުން ފަސް ކުދިން ނިޔާވެފައެވެ.solex
ޖުމާއާއެކު އުފަންވި އެއްމާބަނޑު އަނެއް ފިރިހެންކުއްޖާ, ޢަލީ ވެސް މިހާރު އޮތީ އަލް އަޤްޞާ ހޮސްޕިޓަލްގެ އިންޓެންސިވް ކެއަރ ޔުނިޓްގައެވެ. އެކުއްޖާއަށްވެސް ފަރުވާދެނީ ހައިޕޮތެމިއާގެ ސަބަބުން ކަމުގައި ޣައްޒާގެ ހެލްތް މިނިސްޓްރީ އާ ހަވާލާވީ އަލް ޖަޒީރާގައި ރިޕޯޓް ކޮށްފައި ވެއެވެ.
ޖުމާގެ ބައްޕަ ޔަޙްޔާ އަލް ބަތްރާން ބުނި ގޮތުގައި އޭނާ އާދިއްތަ ދުވަހު ހެނދުނު ހޭލިއިރު ދަރިފުޅުގެ ބޯ އޮތީ އައިސްގަނޑެއްހެން ގަނޑުވެފައެވެ.
"ކުދިން ވިހެއީވެސް ދުވަސްނުފުރާ. ޑޮކްޓަރ އިރުޝާދު ދީފައި އޮތީ ވީހާވެސް ބޮޑަށް ކުދިންގެ ހަށިގަނޑު ހޫނު ލިބޭގޮތަށް ބަހައްޓަން. އެކަމަކު މި ގަދަ ފިނީގަ އަހަރެމެން ދިރިއުޅެމުން މިދާ ނިކަމެތި ހާލުގަ އެކަން އެގޮތަށް ކުރާނީ ކިހިނެތް! ޓެންޓްތައް އެހުރީ ވީދިފަ. ކިރިޔާ ބޯހިޔާވާކަން. މިއަދުވެސް ފިނިހޫނުމިން އެކުރީ 10 ޑިގްރީއަށްވުރެ ދަށްކޮށް" ޔަޙްޔާ އަލްޖަޒީރާއަށް ބުންޏެވެ.
އޭނާ އިތުރަށްބުނީ އެމީހުންގެ ޓެންޓްގައި ދިރިއުޅޭ އަށްމީހުނަށް އޮތީ އެންމެ ފަސް ރަޖާ ކަމުގައެވެ. އޭނާގެ ޓެންޓްގައި ކަރަންޓް ނެތް ކަމުގައާއި ފެންފޮދެއް ހޫނުކުރެވޭނެ ގޮތެއްވެސް ނެތްކަމުގައި ޔަޙްޔާ ބުނެފައިވާކަމަށް އަލްޖަޒީގައި ރިޕޯޓްކޮށްފައި ވެއެވެ.
"ބަލާބަލަ އަހަރެންގެ ދަރިފުޅުގެ ހަމުގެ ކުލަ. ގަނޑުވެގެން މިކުއްޖާގެ ކުލަ މިއޮތީ ބަދަލުވެފަ. އަހަރެންގެ ދަރިން އަހަރެންގެ ލޯކުރިމަތީގައި މަރުވެގެން ދާއިރު އަހަރެން މިހުރީ ހަދާނެ ގޮތް ހުސްވެފަ. މިއަދު ޖުމާ. މާދަމާ އަލީވެސް އަހަރެން ދޫކޮށް ހިނގައިދެކަމުގެ ބިރު އެބައޮތް" މަރުވެފައިވާ ދަރިފުޅު ގޮވައިގެން އިނދެ ރޮމުން ޔަޙްޔާގެ ހާލަތު އަލްޖަޒީރާއަށް ބުނެދީފައި ވެއެވެ.
އަލް ޖަޒީރާގެ ފަލަޞްޘީނުގެ ނޫސްވެރިޔާ ހިންދު ޚައުދަރީ އާ ހަވާލާދީ އެނޫހުގައި ބުނެފައިވާ ގޮތުގައި ޔަޙްޔާގެ އާއިލާ ދިރިއުޅޭ ޓެންޓް ހުންނަނީ ކަނޑުގެ އައްސޭރީގައި ކަމުން އެސަރަޙައްދަށް ވަރަށް ވައިވެސް ގަދައެވެ.