ޚަބަރުދުނިޔެ

ޓްރަމްޕަށް ބަޑީގެ ހަމަލާއެއްދީ އަވަހާރަކޮށްލަން މަސައްކަތް ކޮށްފި

July 14, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމެރިކާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދީ އަވަހާރަކޮށްލަން މަސައްކަތް ކޮށްފިއެވެ. solexsolex

މި ހާދިސާ ހިނގީ ހޮނިހިރު ދުވަހު ޕެންސިލްވޭނިއާގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އެއްވުމެއްގައި ޓްރަމްޕް ވާހަކަދައްކަވަމުން ދަނިކޮށެވެ.

އުމުރުން 78 އަހަރުގެ ޓްރަމްޕް ޕޯޑިއަމްގައި ހުންނަވަނިކޮށް ބަޑީގެ އަޑު އިވުމާއެކު އޭނާ އަވަހަށް ކަނާތްފަރާތު ކަންފަތްމަތީ އަތް އަޅުއްވިއެވެ. އޭގެ ފަހުން އޭނާގެ މޫނުމަތީގައި ލޭ ހުރިތަން ފެނުނެވެ.

ސީކްރެޓް ސާވިސްގެ އޭޖެންޓުން ވަގުތުން ސްޓޭޖަށް އަރައި ޓްރަމްޕް ވަށާލުމަށްފަހު އަވަހަށް ސްޓޭޖުން ބޭލިއެވެ. އެ ވަގުތު ވެސް ޓްރަމްޕް ހުންނެވީ ގޮށްމުއްކަވައިގެން މައްޗަށް އަތް ހިއްލަވައި، ގަދަ ހިތްވަރުގައި ކަމުގެ ނިޝާން ދައްކަވަމުންނެވެ.

އެމެރިކާގެ ނޫސްތަކުން ބުނާ ގޮތުގައި ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ މަރާލާފައެވެ. އަދި ހަމަލާއާ ގުޅުމެއް ނެތް އެހެން މީހަކު ވެސް މި ހާދިސާގެ ތެރޭގައި މަރުވެފައިވާ ކަމަށް ބުނެއެވެ.

ސީކްރެޓް ސާވިސްއިން ބުނީ ކުރީގެ ރައީސް ހުންނެވީ ސަލާމަތުން ކަމަށެވެ. އަދި ޓްރަމްޕްގެ ކެމްޕެއިނުން ބުނީ އޭނާ ހުންނެވީ ހެޔޮ ހާލުގައި ކަމަށާއި، މި އަނިޔާވެރި އަމަލުގެ ވަގުތު ތަންފީޒީ އިދާރާތަކުން މަސައްކަތްކުރި ހަލުވިކަމާއި ފުރިހަމަކަމަށް ޓްރަމްޕް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރަސްމީ އިދާރާތަކުން މި ހާދިސާ ތަހުގީގުކުރަމުން ގެންދަނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މައްސަލައެއްގެ ގޮތުގައި ކަމަށް ބުނެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިހާރުގެ ރައީސް ޖޯ ބައިޑަންއަށް އެމަނިކުފާނުގެ ސިއްހީ ހާލަތު ހުރިގޮތުން ރިޔާސީ ރޭހުން އެއްކައިރިވެ ވަޑައިގެންނެވުމަށް އެމަނކުފާނުގެ ޕާޓީގެ ތެރެއިން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.