އެންމެފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ ރޭސް ދޫކޮށްލައްވައިފި
July 22, 2024
Share this story
ލިޔުނީ
އަށްޑުވަސް,
އެމެރިކާގެ ރައީސް ޖޯ ބައިޑެން އިތުރު ދައުރަކަށް ރައީސްކަމުގެ މަޤާމަށް ކުރިމަތިލައްވާނެކަމަށް ބެލެވުނު ނަމަވެސް، އެންމެ ފަހުން ރިޔާސީ ރޭސް ދޫކޮށްލައްވާނެކަމަށް ވިދާޅުވެ އެކަން ރޭ އިއުލާނުކުރައްވައިފިއެވެ. solex
މި ނިންމެވުން އިޢުލާންކުރައްވާ އެކްސް މެދުވެރިކޮށް ސޯޝަލް މީޑިއާ އެކައުންޓުން ފޮނުއްވި ބަޔާނުގައި ރައީސް ބައިޑެން ވިދާޅުވެފައިވަނީ ރައީސްކަން ކުރެއްވުމަށް ފުރުސަތު ލިބިވަޑައިގަތުމަކީ ހަޔާތުގައި ލިބިވަޑައިގަތް އެންމެ ބޮޑު ޝަރަފު ކަމަށެވެ.
"ދެވަނަ ދައުރަކަށް އިންތިހާބަށް ކުރިމަތި ލެއްވުމަކީ 'އަޅުގަނޑުގެ ވިސްނުމެއް ކަމުގައި ވިޔަސް' އަޅުގަނޑު ދެކޭ ގޮތުގައި، އަޅުގަނޑު ފަހަތަށް ޖެހުމަކީ އަޅުގަނޑުގެ ޕާޓީއަށާއި ގައުމަށް އެންމެ ފައިދާހުރި ގޮތް،" ބައިޑެންގެ ބަޔާނުގައި ވިދާޅުވި އެވެ.
ރައީސް ބައިޑެން މި ނިންމެވުން ނިންމެވީ މިދިޔަ ޖޫން މަހު ރިޕަބްލިކަން ޕާޓީގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވުނު ބަހުސަކަށްފަހު، ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިވި ބޮޑެތި ޕްރެޝަރުތަކާ ގުޅިގެންނެވެ. އެ ބަހުސުގައި ބައިޑެންގެ ޕަރފޯމަންސްއާއި މެދު ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.
ބައިޑެން ނެރުއްވި ބަޔާނުގައި އެމަނިކުފާނުގެ ނައިބު ރައީސް ކަމަލާ ހެރިސްއަކީ "އާދަޔާ ޚިލާފު ބައިވެރިއެއް" ކަމަށް ވިދާޅުވެ، އެކަމަނާއަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި އަންނަ ހަފުތާގައި މި ކަމާ ގުޅިގެން ޤައުމާ މުޚާޠަބުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ބައިޑެންގެ މިނިންމެވުމާއި ގުޅިގެން ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަނީ ބައިޑެންއަށް ރައްދު ދެއްވާފައެވެ. ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ޕްލެޓްފޯމްގައި އޭނާ ވިދާޅުވެފައިވަނީ "ޖޯ ބައިޑެންއަކީ ރައީސްކަމަށް ކުފޫ ހަމަވާ، އެކަމަށް އެކަށީގެންވާ ބޭފުޅެއް ނޫން" ކަމަށެވެ.
މި ހުރިހާ ކަމަކާއެކު، އެމެރިކާގެ ސިޔާސީ މަޝްރަޙު އިތުރަށް ހޫނުވެ، ކުރިއަށް އޮތް އިންތިޚާބާ ދިމާލަށް ދާއިރު އާ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ޑިމޮކްރެޓިކް ޕާޓީން އާ ކެންޑިޑޭޓަކު ހޮވުމާއި، އެ ކެންޑިޑޭޓަކު ރިޕަބްލިކަނުންނާ ކުރިމަތިލާނެ ގޮތް ބެލުމަށް ގިނަ ބަޔަކު ޝައުޤުވެރިވާނެ ކަމަށް ލަފާކުރެވެއެވެ.