ޚަބަރުދުނިޔެ

10 މަސް ތެރޭގައި އިޒްރާއިލް އިން ފަލަސްޠީނުގެ 40,000 މީހުން މަރާލައިފި

August 16, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ފަލަސްތީން

އިޒްރާއިލްއިން ފަލަސްތީނުގެ ރައްޔިތުންގެ މައްޗަށް ހިންގަމުންދާ ޤަތުލުޢާންމަށް މިއަދު 314 ދުވަސް ވީއިރު މަރާލި މީހުންގެ އަދަދު 40,000 ން މައްޗަށް އަރައިފިއެވެ. އޭގެ ތެރޭގައި 16,456 ކުޑަކުދިންނާއި 11,000 އަންހެނުން ހިމެނެއެވެ.solexsolex

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވާގޮތުން މިއަދަދު ގުނާފައިވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި ވަޅުލެވިފައިވާ ކަމަށް އަންދާޒާ ކޮށްފައިވާ 10,000 ށް ވުރެ ގިނަ މީހުން ނުހިމަނައެވެ.

"އިޙްސާސް ކުރެވޭތަ 40,000 އަކީ ކިހާވަރެއްކަން! މުޅި ދުނިޔެއަށްވެސް އިޙްސާސް ނުކުރެވޭނެ އެއީ ކިހާވަރެއްކަމެއް". އަސީލް މާތާ ކިޔާ ފަލަސްތީނުގެ އަންހެނެއް އަލްޖަޒީރާ އާ ވާހަކަދައްކަމުން ބުންޏެވެ.

މި ހުރިހާކަމެއް މުޅި ދުނިޔެއަށް އެބަ ފެނޭ. ވާކަން އެބަ އެނގޭ. އަޑު އިވޭ, ކޮންމެ ދުވަހަކު, ހަމަ ކޮންމެ މިނެޓަކު އެބަ އިނގޭ. އެކަމަކު މުޅި ދުނިޔެ މިވަނީ މިކަމާ ހިމޭންވެފަ. އަހަރެމެން މިވަނީ މިއަދު ބާރެއްނެތިފަ. އަހަރެމެން ވަރުބަލި ވެއްޖެ. އަހަރެމެންގެ ގަޔަކު އިތުރު ހަކަތައެއް ނެތް.

އެކުވެރި ދައުލަތް (އދ) އިން މަޢުލޫމާތު ދޭ ގޮތުގައި އިޒްރާއިލް އިން ދިން ބޮމުގެ ހަމަލާތަކުގައި ޣައްޒާގެ ތިންބައިކުޅަ ދެބައި އިމާރާތްތައް ވަނީ ސުންނާފަތިވެ, ބިމާހަމަވެފައެވެ. ދެބައިކުޅަ އެއްބައި އާންމު ގެތަކާއި, %85 ސްކޫލް އިމާރާތްތަކާއި, ހުރިހާ ބޮޑެތި ހޮސްޕިޓަލްތަކެއް އަދި %65 މަގުތައްވެސް ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

ޢިޒްރާއިލް އިން ފަލަސްޠީނުގައި ހިންގަމުންދަނީ ޤަތުލުޢާންމެއް ކަމަށް ކަނޑައެޅުމަށާއި, އެކަންހުއްތުވުމަށް ހުއްޓުވުމަށް އިންޓާނޭޝަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)ގައި ދެކުނު އެފްރިކާއިން ކުރާ ދަޢުވާ ކުރިއަށް ދާއިރު, ޣައްޒާގެ އާބާދީގެ %90 ވަނީ ވިއްސިވިހާލިވެ އިންސާނީ ކާރިޘާއެއް ކުރުމަތިވެފައެވެ. ތަދު މަޑުކަމާއި ބަލިމަޑުކަން އިންތިހާއަށް ގޮސްފައިވާއިރު ޣައްޒާއަށް އެހީގެ ތަކެތި އެތެރެކުރަން އިޒާއިލްއިން ދަނީ ދެކޮޅު ހަދަމުންނެވެ.

ޣައްޒާއަށް އިންސާނީ އެހީގެ ތަކެތި އެރެތެކުރުމަށް ހުރަސްނޭޅުމަށް އައި.ސީ.ޖޭ އިން އިޒްރާއިލްގެ މައްޗަށް އަމުރުކޮށްފައި ވީނަމަވެސް ފާއިތު ޖުލައި މަހަކީ އޮކްޓޯބަރ 2023 ގެ ފަހުން އެންމެ މަދުން ޣައަޒާއަށް އެހީގެ ތަކެތި އެތެރެކުރެވުނު މަހެވެ.

ޣައްޒާގެ އިންސާނީ ކާރިޘާގެ ހާލަތު ގޯސްވެފައިވާ މިދަނޑިވަޅުގައި ހައިހޫނުކަމުގައި ކުޑަކުދިން މަރުވަމުން ދާއިރު ޕޯލިއޯފަދަ ނުރައްކާތެރި ބަލިތައްވެސް ވަނީ ފެތުރެން ފަށާފައެވެ.

މަރާލި މީހުންގެ އަދަދު ޣައްޒާގެ ހެލްތު މިނިސްޓްރީއިން ރަސްމީކޮށް ކަނޑައަޅަފައި ވީނަމަވެސް, ޖުލައި މަހު މެޑިކަލް ޖަރނަލް, ދި ލެންސެޓް ގައި ޕަބްލިޝްކޮށްފައިވާ ގޮތުން މި އަދަދު ހަގީގަތުގައި 186,000 އަށްވުރެ މަތިވާނެއެވެ. އެއި މުޅި ޣައްޒާގެ އާބާދީގެ %8 އެވެ.

ޣައްޒާގައި ރައްކާތެރި އެންމެ ހިސާބެއްވެސް ނެތް

ޑިސެމްބަރ 2023 ގައި އިޒްރާއިލްއިން ރައްކާތެރި ސަރަޙައްދުތަކެއްކަމަށް ކަނޑައަޅާ ޗާޓެއް އެކުލަވާލާފައި ވީނަމަވެސް, އިންޓަނެޓާއި ކަރަންޓު ލިބުމުގެ ދަތިތަކާއި އެކު ރައްޔިތުންނަށް މިޗާޓުތަކަށް ވަދެވުމަކީ ނާދިރުކަމަކަށް ވަނީ ވެފައެވެ. އަދި ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ސަރަހާއްދުތަކަށް ވެސް އިޒްރާއިލްއިން ދަނީ އިންޒާރު ދިނުމެއްނެތި ބޮން އަޅަމުންނެވެ. ރައްކާތެރި ވެލިފުކެއްހާ ހިސާބުވެސް ނެތް ޣައްޒާގައި މިއަދުވެސް 5 ސަރަހައްދެއް ދޫކޮށް ދިއުމަށް އަމުރުކޮށްފައި ވެއެވެ.

އިޒްރާއިލްއިން މިއަދުވެސް ޚާންޔޫނުސް އާއި ދެކުނު ޣައްޒާގެ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮންއަޅަމުން ދާއިރު އެސަރަޙައްދުގެ %90 މީހުންގެ ގެދޮރު ގެއްލި ދިރިއުޅެމުންދަނީ ފޭލިގެތަކުގައެވެ.

ޢައްޒާގައި ކޮންމެ ގަޑިއަރަކުން 15 މީހުން މަރާލައެވެ. އޭގެތެރެއިން 6 މީހުންނަކީ ކުޑަކުދިންނެވެ. ކޮންމެ ގަޑިއިރަކު 35 މީހުން ޒަޙަމްކޮށްލައެވެ. ކޮންމެ ގަޑިއިރަކު 43 ބޮން އަޅައެވެ. އަދި މަދުވެގެން 12 އިމާރާތް ހަލާކުކޮށްލައެވެ.

ޣައްޒާގެ ގެތައް ޓެންޓުތަކަކަށް ވެ, ޓެންޓުތައް ސަހަރާތަކަށް ހަދަމުންދާ މި ހަނގުރާމައިގެ ޖަރީމާގައި އިޒްރާއިލް އަށް އެންމެ ބޮޑަށް ވާގިވެރިވަމުން ދަނީ އެމެރިކާއިންނެވެ. ޤަތުލްޢާންމު ފެށުނު ފަހުންވެސް އެމެރިކާއިން ވަނީ ބޮޑެތި އަދަދުތަކުން ހަތިޔާރުގެ އެހީތެރިކަން އިޒްރާއިލް އަށް ފޯރުކޮށްދީފައެވެ. ބައިޑަންގެ ސަރުކާރުން ފާއިތުވެ ދިޔަ ހަފުތާގައި އެކަނިވެސް ވަނީ އިތުރު 20 ބިލިއަން ޑޮލަރުގެ ހަތިޔާރު އިޒްރާއިލްއަށް ވިއްކުމަށް ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން ހިސޯރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކަށް ކަނޑައަޅާފައިވާ ޔޫ.އެން ސްޕެޝަލް ރެޕަޓުއަރ ފްރާންސެސްކާ އަލްބަނީސް ވަނީ އެކަން ކުށްވެރިކޮށް, ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

" ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން އެކުލަވާލި ބައިނަލްއަޤްވާމީ ގާނޫނުގެ ނިޒާމް ބައްޓަންކުރީ މިފަދަ ކަންކަން ވިޔަނުދިނުމަށް. އެކަމަކު އެ ޤާނޫނު މިއަދު ފެއިލްވެއްޖެ. މީގެން މިއެގެނީ މުޅި ނިޒާމްއަކީވެސް ދެފުށް ދެގޮތް އެއްޗެއްކަން. ބާރުގަދަ މަދު ޤައުމުތަކަކުން އެމީހުން ބޭނުންވާ ގޮތަށް މިޤާނޫނު ތަންފީޒުކުރާނީ ނުވަތަ ނުކުރާނީ ކޮންބަޔަކަށްކަން ކަނޑައަޅަމުން ދާތަން މިފެންނަނީ. އަދި އިޒްރާއިލް މިވަނީ ތަންފީޒުނުވާ ބައިގަ. މީ ޤަބޫލުކުރެވޭނެ ކަމެއްނޫން" އަލްބަނީސް ބުންޏެވެ.