އެފްއޭއެމްގެ ނޯމަލައިޒިންގ ކޮމިޓީ އެކުލަވާލައިފި, ޗެއަރ އަކީ ޒުހޫރު
August 20, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި އެވެ. އެކޮމިޓީގެ ޗެއަރމަނަކަށް ހަމަޖެއްސެވީ ކުރީގެ ސްޕޯރޓްސް މިނިސްޓަރ އަހުމަދު ޒުހޫރު ހަމަހައްސަވައިފި އެވެ.solex
ކޮމިޓީގެ ޗެއަރމަނަކަށް ހަމަޖެއްސެވީ ޒުހޫރަކީ މިސަރުކާރުގައި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއަރމަންކަން ކުރެއްވި ބޭފުޅެކެވެ. އެކަމަކު ފަހުން އޭނާ ވަކިކުރެއްވިއެވެ. ޒުހޫރު ވަނީ ކުރިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ކަމާއި, ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމްވެސް އަދާކުރައްވާފައެވެ.
އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މެންޑޭޓް ހަވާލުކުރައްވާފައިވާ ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނިވަޑައިގަންނަވަނީ އަހުމަދު މުއިއްޒު އާއި, ފަރީހާ ޝަރީފާއި, އިސްމާއީލް ސިމަން އާއި, އަހުމަދު އަލީ އެވެ. ފީފާއާއި އޭއެފްސީން އެކުލަވާލެއްވި ކޮމިޓީ އެކުލެވިގެންވަނީ ޤާނޫނީ ބޭފުޅުންނާއި, ފުޓްބޯޅައާއި ގުޅުންހުރި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންގެ މައްޗަށެވެ.
ކޮމޮޓީގެ މައިގަނޑު މެންޑޭޓަކީ:
- އެފްއޭއެމްއިން ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- އެފްއޭއެމްގެ އަސާސީ ގަވާއިދު މުރާޖާކޮށް, އުސޫލުތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން
- އެފްއޭއެމްގެ އިސްވެރީންނާއ, އެހެނިހެން ފަރާއްތައް ގުޅިގެން ފީފާއާއި އޭއެފްސީން ދީފައިވާ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީ, އެފައިސާ ހޯދޭނެ ގޮތްތައް ރާއްޖޭގެ ކޯޓްތަކަށް ހުށަހަޅައިގެން ހޯދުން.
- ފީފާއިން އައްޔަންކޮށްފައިވާ ފައިނޭންޝަލް ކޮންސަލްޓަންޓާ ގުޅިގެން އެފްއޭއެމްގެ ދަރަނިތައް ދެއްކޭނެ ގޮތުގައި ޕްލޭނެއް ހެދުން.
- ފީފާގެ ފޮރިންސިކް އޮޑިޓް ރިޕޯރޓްގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރަން ފެށުން
- އެފްއޭއެމްގެ އާ ހިންގާ ކޮމިޓީއެއް ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން އިންތިޒާމްކޮށް ކުރިއަށް ގެންދިއުން
ނޯމަލައިޒޭޝަން ކޮމިޓީގެ އެންމެ ދިގު މުއްދަތަކީ އަންނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހެވެ. އޭގެކުރިން މެންޑޭޓްގައި ހަވާލުކޮށްފައިވާ ކަންކަން ކޮމިޓީން ފުރިހަމަކޮށް އިންތިޚާބީ ހިންގާ ކޮމިޓީއާ ހަވާލުކުރަން ޖެހޭނެއެވެ. މިދިޔަ ދެ ދައުރުގެ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކޮރަޕްޝަނާއި, މަނީ ލޯންޑަރ ކުރުމުގެ ބޮޑަތި ތުހުމަތުތަކެއް ކުރެވި, ދައުވާވެސް އުފުލުމާ ހަމައަށް އައިސްފައި ވަނިކޮށެވެ.