ހަމަލާތައް ހުއްޓާލުމާގުޅޭ އެއްބަސްވުން އިއުލާނުކުރި ފަހުން އިޒްރާއިލްއިން ޣައްޒާގައި 82 މީހުން ޝަހީދުކޮށްލައިފި
January 16, 2025
Share this story
ލިޔުނީ
އަށްޑުވަސް,
އަންނަ އާދިއްތަ ދުވަހުން ފެށިގެން 6 ހަފުތާގެ މުއްދަތަށް އިޒްރާއިލް-ހަމާސްގެ ހަމަލާތައް ހުއްޓާލަން ދެފަރާތުން އެއްބަސްވެފައިވާކަމަށް އިއުލާނުކުރީ ބުދަ ދުވަހުއެވެ. މަޝްވަރާ ތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރި ޤަތަރުން ވަނީ އެއްބަސްވުމުގައި ހިމެނޭ ކަންތަން އާންމުކޮށް އިއުލާން ކޮށްފައެވެ.solex
އެއްބަސްވުމާ އެއްގޮތަށް އިޒްރާއިލް އިން އަމަލުކުރާނެ ކަމާމެދު ދުނިޔޭގެ ނަޒަރުގައި އިތުބާރު ނެތްއިރު އިޒްރާއިލްއިންވެސް ބުނެފައިވަނީ އެއްބަސްވުމުގެ ހުރިހާ ބަޔަކަށް އަދި މުޅިން އެއްބަސް ނުވެވޭ ކަމަށެވެ.
މި ހިނގާ ޖެނުއަރީ 19 ން ފެށިގެން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވިކަން އިޢުލާން ކުރިފަހުން އިޒްރާއިލްއިން މިހާތަނަށް ވަނީ ޣައްޒާގެ 82 މީހަކު ޝަހީދުކޮށްލާފައެވެ. އަލްޖަޒީރާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭގެ ތެރެއިން 30 މީހަކު ޝަހީދުކޮށްލާފައިވަނީ ޣައްޒާ ސިޓީގައެވެ.
އިޒްރާއިލްގެ ހަމަލާތަކަށް އަދި ހުއްޓުމެއް ނުވަތަ މަޑު ޖެހުމެއް ނެތްއިރު, ރޭ ޣައްޒާގެ އެއް ގެއަކަށް ދިން ހަމަލާއެއްގައި އެ ގޭގައި ތިބި 18 މީހުންވެސް ވަނީ ޝަހީދުވެފައެވެ. މިއީ ޣައްޒާ ސިޓީގެ އިންޖިނިއަރިންގ ޔޫނިއަން ބިލްޑިންގ ކައިރީގައި ހުރި ގެއެއްކަމަށް އެ ސަރަޙައްދުގައި ހުރި އަލްޖަޒީރާގެ ކަރެސްޕޮންޑެންޓާއި ހަވާލާދީ އެ ނޫހުގައި ވެއެވެ.
ފަލަޞްތީނުގެ ސިވިލް ޑިފެންސުން ބުނި ގޮތުގައި ޣައްޒާ ސިޓީގެ ޝެއިޚް ރަދުވާން ސަރަހައްދުން ޝަހީދުވެފައިވާ 12 މީހެއްގެ ހަށިގަނޑުވެސް ވަނީ ފެނިފައެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއި އެކު ދެފަރާތުން ހަމަލާތައް ހުއްޓާލާ އިޒްރާއިލް ސިފައިން ޣައްޒާއިން ފައިބަން ފަށާނެކަމަށް އެއްބަސްވުމުގައި ވެއެވެ. އަދި ހަމާސްގެ އަތްދަށުގައި ތިބި އަސީރުންގެ ތެރެއިން 33 އަސީރުން މިނިވަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަސީރުންގެ ބަދަލުގައި އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ޤައިދީންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު މިނިވަން ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމުގެ ކުރިން ޣައްޒާއަށް އެހީގެ 600 ޓްރަކް ވަނުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. އަދި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ވިއްސި ވިލާލިވެފައިވާ މީހުން އެމީހުންގެ ގެދޮރަށް އަނބުރާ ދިއުމުގެ ފުރުޞަތުވެސް ލިބިގެންދާނެއެވެ.