އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ޤައުމެއް ބިނާކުރުމަށް ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާނަން- ރައީސް
February 04, 2025
Share this story
ލިޔުނީ
އަށްޑުވަސް,
އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ޤައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.solex
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި ވަނީ، ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެ މަނިކުފާނު ދެއްވި ޚާއްޞަ މެސެޖުގައެވެ.
އެ މަނިކުފާނުގެ މެސެޖުގައި، 2025 ވަނަ އަހަރު ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހަށް ކަނޑައަޅާފައިވާ، "ޔުނައިޓަޑް ބައި ޔުނީކް" ނުވަތަ "އެފަދަ ދެވަނައެއްނެތް އެއްބައިވަންތަކަން" މި ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ވިދާޅުވީ މި ޝިޢާރުގައިވާ ފަދައިން، ބަލި ތަހައްމަލު ކުރާ ކޮންމެ މީހަކީވެސް ތަފާތު ދަތުރެއް ކުރާ މީހެއް ކަމަށާއި، އެހެން ނަމަވެސް މި ޝިޢާރުގައި ބުނެދޭ ފަދައިން އަޅުގަނޑުމެން ތިބީ އެއްބައިވަންތަ ކަމާއިއެކުގައި ކަމަށެވެ.
2030 ވަނަ އަހަރުގެ ނިޔަލަށް ޢާންމު ޞިއްޙަތުގެ ކަންބޮޑުވުމެއްގެ ގޮތުގައި ސަރވިކަލް ކެންސަރު ނުވަތަ ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ބަލި ނައްތާލުމުގެ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އަމާޒަށް ވާޞިލުވުމަށް ރާއްޖެއިން ދަނީ، ކަނޑައެޅިފައި އޮތް ރާސްތާއިން މަސައްކަތް ކުރައްވަމުންކަން ރައީސުލްޖުމްހޫރިއްޔާގެ ފާހަގަކުރެއްވިއެވެ އަދި ކެންސަރު ބަލީގެ ޚާއްޞަ މަރުކަޒެއް ޤާއިމުކޮށް، ޕެލިއޭޓިވް ކެއަރ ނުވަތަ ހައްސާސް ބަލިތައް ހުންނަ މީހުންގެ އަލާމާތްތައް ދެނެގަނެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ ޚިދުމަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކޮށް، ޚިދުމަތް ހޯދޭނެ މަގުތައް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
މިހާރު ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތް މެދުވެރިކޮށް، ރަށު ފެންވަރުގައްޔާއި އަތޮޅު ފެންވަރުގައި، ފަސް ބާވަތެއްގެ ކެންސަރު ބައްޔަށް ސްކްރީން ކުރެވޭކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ. އަދި ކެންސަރު ބަލީގެ ޚާއްޞަ ތަހުލީލުތައް ކުރެވޭ ނުވަތަ، ސްޕެޝަލައިޒްޑް ސްކްރީނިންގް މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ. އެ ކަމުގެ ސަބަބުން ކެންސަރާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އިތުރު އެހީތެރިކަމެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެ ތަންތަނަކީ ރަށުފެންވަރުގެ އާބާދީތަކަށް ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކެއްގެ ގޮތުގައި ތަރައްޤީ ކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވިއެވެ.
އިލެކްޓްރޯނިކް ސިނގިރޭޓް މަނާކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމުގެ ޤާނޫނާއި ސިޔާސަތުތައް ހަރުދަނާކޮށް، ދުންފަތުގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވާ ޞިއްޙީ ފަރުވާގެ ޚިދުމަތްތައް އެއްވެސް އަގަކާ ނުލައި ފޯރުކޮށްދެވެމުން ދާ ކަމީ، ކެންސަރުގެ ނުރައްކަލަށް ހުށަހެޅިދާނެ ޢަމަލުތަކުން ރައްޔިތުން ރައްކާތެރިކުރުމަށް، ސަރުކާރުން ސާބިތުކަމާއެކު ދެމި އޮތްކަން ހާމަކޮށްދޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެންމެން ގުޅިގެން މަސައްކަތްކޮށް، ޒިންމާދާރުކަމާއި، ޙިއްޞާކުރުމުގެ ތެރެއިން ބަލިން ރައްކާތެރިވުމާއި، އަވަހަށް ބަލި ދެނެގަތުމާއި، ހަމަހަމަކަމާއެކު ފަރުވާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭ ކަމުގެ ނިޝާނެއް ކަމުގައި ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.