ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ހުސްނުއްސުޢޫދު އިސްތިއުފާ ދެއްވައިފި
March 04, 2025
Share this story

ލިޔުނީ
އަށްޑުވަސް,
ރައީސުލްޖުމްހޫރިއްޔާ ޖުޑިޝަރީއަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ހުސްނުއްސުޢޫދު ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވި އިރު ހުންނެވީ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ސަސްޕެންޑް ކުރައްވާފައެވެ. އިތުރު ދެ ފަނޑިޔާރަކާއެކު ސަސްޕެންޑްކުރެއްވީ ނުފޫޒު ފޯރުއްވަން ކަމަށް ހުސްނުއްސުޢޫދު އިސްތިއުފާގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.solex
އިސްތިއުފާދެއްވި ސަބަބެއްކަމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ހިލާފަށް އަދުލްއިންސާފްގެ ބާރަށް ނުފޫޒު ފޯރުވާ, ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުން ހުއްޓުވުމުގެ ގޮތުން ސްޕްރީމް ކޯޓްގެ 3 ފަނޑިޔާރުން ސަސްޕެންޑް ކުރުމެވެ.
ސްޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލިހުން ފާސްކޮށް, ސްޕްރީމް ކޯޓްގެ ފަނޑިޔާރުންނަށް ބިރު ދައްކާ ސްޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލަ ރައީސުލްޖުމްހޫރިއްޔާ އެދޭގޮތަށް ނިންމެވުމަށް ނުފޫޒު ފޯރުވުމަކީވެސް އިސްތިއުފާ ދެއްވި ސަބަބެއް ކަމަށް ވިދާޅުވެފައިވެއެވެ. ސަސްޕެންޑް ކުރެއްވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރުން އަދަދު މަދުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކުރެއްވި ދުވަހު އެވެ. އަދި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ މަޖިލިހުގެ މެމްބަރުކަން ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސްޕްރީމް ކޯޓަށް ބެލޭނެ ކަމަށް ނިންމަވާ, އެމައްސަލަ ބައްލަވަމުން ގެންދަވަނިކޮށެވެ. އެމައްސަލަ ބައްލަވަމުން ގެންދެވީ 7 ފަނޑިޔާރުން ހިމެނޭ ސްޕްރީމް ކޯޓްގެ ފުލް ބެންޗުންނެވެ.
ޖޭއެސްސީން ބުނީ ހުސްނުއްސުޢޫދާއި އިތުރު ދެ ފަނޑިޔާރުން ސަސްޕެންޑްކުރެއްވީ ބަލަމުންދާ މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާކަން އޭސީސީން އެންގުމުން ކަމަށް ޖޭއެސީން ވިދާޅުވިއެވެ. ފަހުން އޭސީސީން ވެސް ވަނީ އެފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާކަމަށް ވިދާޅުވެފައެވެ. އެކަމަކު މައްސަލަތަކުގެ ތަފްސީލެއް ނުދެއެވެ.
ސުއޫދު ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.