ޕީއެންސީން މުއިއްޒު ދިފާއުކޮށް, ހުސްނުއް ސުޢޫދަށް ފާޑުކިއުން
March 05, 2025
Share this story

ލިޔުނީ
އަށްޑުވަސް,
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރައީސް ޑރ.މުޙައްމަދު މުއިއްޒު ދިފާއުކޮށް, ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ހުސްނުއް ސުޢޫދަށް ފާޑުކިޔައިފިއެވެ.solex
ރައީސުލްޖުމްހޫރިއްޔާ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުއްވާ, ވަކިގޮތަކަށް ހުކުމް ނެރުމަށް ފަނޑިޔާރުންނަށް ބިރުދައްކަވާ ކަމަށް ވިދާޅުވެ އިސްތިއުފާދެއްވި ހުސްނުއް ސުޢޫދު ޕީއެންސީން ސިފަކުރެއްވީ އެކްޓިވިސްޓެއްގެ ގޮތުގައެވެ.
ޕީއެންސީން ބުނީ ފަނޑިޔާރުކަމުގެ މަގާމްގައިވެސް އަދި މަޤާމުން ވަކިވެވަޑައިގަތުމުގައިވެސް ފަނޑިޔާރުން ސިޔާސީ ވިސްނުމާއި އެކްޓިވިޒަމްގެ އުޞޫލު އިސްކުރުމަކީ ޤާނޫނީ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށެވެ. ހުސްނުޢް ސުޢޫދު އިސްތިއުފާ ދެއްވުމުގައި ޢަމަލުކުރެއްވި ގޮތުން ފަނޑިޔާރު ސުޢޫދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓްގެ ފަނޑިޔާރު ކަމުގައިވެސް ގެންގުޅުއްވީ އެމަޤާމަށް ވަޑައިގަތުމުގެ ކުރިންވެސް ގެންގުޅުއްވި ސިޔާސީ އެކްޓިވިޒަމްގެ އުޞޫލުކަން ސާފްވެއްޖެ ކަމަށް ޕީއެންސީގެ ބަޔާނުނުގައި ބުނެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ދިފާއުކުރައްވާ ޕީއެންސީން ބުނީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ވަނީ މިނިވަން މުއައްސަސާތައް މުސްތަޤިއްލުކަމާއެކު ޤާނޫނީ ޒިންމާ އަދާކުރުމުގެ ފުރުޞަތު ދީފައި ކަމަށެވެ.
އެފަދަ މުއައްސަސާ އަކުން އަދާކުރަންޖެހޭ ޤާނޫނީ ޒިންމާއެއް އަދާކުރުމަކީ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން ނޫން ކަމަށާއި, އެއީ ދުސްތޫރީ ޤާނޫނީ ނިޒާމު ހިނގަންޖެހޭ ގޮތަށް ރަނގަޅަށް ހިނގަމުން ދިއުންކަމަށް ޕީއެންސީގެ ބަޔާނުގައި ވެއެވެ.
ޕީއެންސީން ވަނީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތައް ނެގެހެއްޓުމުގައި އަދި މިނިޒާމް ހިނގަންޖެހޭ ގޮތަށް ހިނގަމުންދާކަން ކަށަވަރުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދައްކަވަމުންދާ ނަމޫނާ ފާހަގަކުރައްވާ ޝުކުރުވެސް އަދާކުރައްވާފައެވެ.
ޕީއެންސީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް, ތިން ފަނޑުޔާރުންގެ މައްސަލަތައް ޖޭއެސްސީން ބަލަމުން ދަނިކޮށެވެ. އޭގެތެރެއިން އެއް ފަނޑިޔާރަކީ އިސްތިއުފާދެއްވި ހުސްނުއް ސުޢޫދެވެ.