ޚަބަރުރާއްޖެ

ރަސްމާލެ ހިއްކާ ނިންމަން އަދި 8 މަސް ބޭނުން- ރައީސް

July 27, 2024

Share this story

މިސަރުކާރުން އެންމެ އަވަހަށް ފެށި, އެންމެ ބޮޑު މަޝްރޫޢު ނިންމަން އަދި 8 މަސް ދުވަސް ބޭނުންވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. solexsolex

ދައުރުގެ ފުރަތަމަ މަސްދުވަހުގެ ތެރޭގައި ފެއްޓެވި މަޝްރޫޢު ކުރިއަށް ނުގޮސް މެދުކެނޑިފައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު އަލުން ފަށާފައިވާކަން އިއުލާނުކުރައްވަމުން މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރިއަށް އޮތް 8 މަސް ދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކާ ނިންމޭނެ ކަމަށެވެ. ނަމަވެސް އެމަޝްރޫއު ފުރަތަމަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފެށީވެސް 8 މަސް ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވަމުންނެވެ. އެމުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް, ރައީސް މިހާރު ވިދާޅުވަނީ އިތުރު 8 މަސް ބޭނުންވާ ކަމަށެވެ.

ފުރަތަމަ މަޝްރޫއު ފެށީ ސްރީލަންކާގެ ސީއެމްސީސީ ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެއީ ހިއްކާ ބިމުން ބޮޑު ބިމެއް އެކުންފުންޏަށް ދޭ ގޮތަށެވެ. އެކަމުގެ ފާޑުކިއުން ސަރުކާރަށް އިންތިހާއަށް އަމާޒު ވިއެވެ, ނަމަވެސް މަޝްރޫޢު ހުއްޓުނީ ފާޑުކިއުންތަކުގެ ސަބަބުންނެއް ނޫނެވެ. އެކުންފުންޏަށް އެމަޝްރޫޢު ކުރިއަށް ނުގެންދެވިގެންނެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްުުމްހޫރިއްޔާ ވިދާޅުވީ ރަސްމާލެ މިހާރު ހިއްކަމުން ދަނީ އެތަނުން އެއްވެސް ބަޔަކަށް ދިގު މުއްދަތަކަށްވެސް, ކުރު މުއްދަތަކަށްވެސް ވެލިފުކެއް ދޭން ނުޖެހޭ ގޮތަށް ކަމަށް ކަމަށެވެ. ކުރިން ފެށި ގޮތަށް މަސައްކަތް ކުރިއަށް ނުދިއުމުން, އެހެން ގޮތެއް ހޯދައިގެން ރަސްމާލެ އަލުން ހިއްކުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވިއެވެ.

އެތަނުން ހިއްކާ ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލުކުވާ ވެލިފުކެއް. އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށްވެސް ކުއްޔަށްވެސް, ހިލޭވެސް ލިބޭނެ ބިމެއް ނޫން ދެން އެތަނުން ހިއްކިގެން ދާނީ.

ރަސްމާލެ ހިއްކާ ނިމުމާއެކު ފެނާއި, ނަރުދަމާ އަދި ކަރަންޓް ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރަސްމާލޭގައި 15000 ހައުސިންގ ޔުނިޓްގެ މަޝްރޫއު ހިންގުމަށް ޗައިނާއާއެކު މަޝްވަރާތައް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިތުރު 15000 ހައުސިންގ މަޝްރޫއާއެކު މިދައުރުގެ ތެރޭގައި ރަސްމާލޭގައި 30,000 ހައުސިންގ މަޝްރޫއު ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ ތެރެއިން އެޅޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.