ޚަބަރުރާއްޖެ

ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްތައް ފާހަގަކޮށް އިނާމް ދެނީ

October 17, 2024

Share this story

ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްތައް ފާހަގަކޮށް އިނާމް ދޭން ފަށަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިނިންމެވުން ނިންމެވީ އިއްޔެ އޮތް ވަޒީރުންގެ މަޖިލިހުގައި ވަޒީރުންގެ މަޝްވަރާގެމަތީންނެވެ.solexsolex

ދުންފަތުގެ އިސްތިއުމާލް ނުކުރާ ރަށްތައް ފާހަގަކޮށް, އިނާމް ދެއްވަނީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެކުލަވާލައްވާ ރިއަލިސްޓިކް މާސްޓަރ ޕްލޭނުގައި ހިމަނުއްވައިގެން ނެވެ. އެފަދަ މާސްޓަރ ޕްލޭނެއް އެކުލަވާލާ ތަންފީޒުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް އިއްޔެ އޮތް ވަޒީރުންގެ މަޖިލިހުގައެވެ.

އެމާސްޓަރ ޕްލޭނަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި، ފިޔަވަހިތަކަކަށް ބަހާލައިގެން ތަންފީޒުކުރާ މާސްޓަރ ޕްލޭނެކެވެ. ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ކުރިއަށް އޮތް 4 އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ޙާޞިލުކުރެވޭނެ ފަދަ ރިއަލިސްޓިކް މާސްޓަރ ޕްލޭނެއް އެކުލަވައިލެއްވުމަށެވެ. އެމާސްޓަރ ޕްލޭން މިމަހުގެ 27 ވަނަ ދުވަހު ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ދުންފަތާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް އިޖުތިމާޢީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިޢުމާލުނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތަޢާރުފުކުރުމަށެވެ. އަދި އެ އިނާމު ލިބޭ ރަށެއްގެ އިޖްތިމާޢީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނުއްވައިގެން މާސްޓަރ ޕްލޭން އެކުލަވައިލެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން މި ޕްލޭންގައި، ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފަރުވާ، ކޮންމެ ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މާސްޓަރ ޕްލޭން ތަންފީޒު ކުރާނީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ޤާނޫނާއި ގަވާއިދުތައްވެސް ތަންފީޒުކުރުމާއެކު އެވެ.